މިދިޔަ ސަރުކާރުން ޖަވާބުދާރީނުވެވޭ ކަމެއް ހިންގާފައި ނުވާނެ ކަމަށާއި އެކަންކަން ބެލިޔަސް މައްސަލައެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ފުދިއްޖެ، ފުނޑިއްޖެ"ގެ ނަމުގައި އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ހަވާލުކޮށްފައިވާ ވިޓޯލް ކުންފުންޏަށް ބޮޑު ފައިދާތަކެއް ވަމުންދާ ކަމަށާއި ރާއްޖެއަށް އެތެރެކުރާ ހުރިހާ ތެލެއް ގަންނަން ޖެހެނީ އެ ކުންފުނީގެ އަތުން ކަމަށެވެ. އަދި ވިޓޯލްއާއެކު ހެދި އެއްބަސްވުމުގެ ތަފްސީލު ހާމަކޮށްފައި ނުވާ އިރު، އޭގެ ފަހަތުގައި ފައިދާތަކެއް ލިބޭ ބަޔަކު ތިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އެ ވަރުގެ ކަމެއް އެހާ ކުއްލި ގޮތަކަށް ސިއްރުން ކުރާ އިރުގައި ހުންނާނެ. މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ބަލަން ޖެހޭނެ. އަޅުގަނޑުމެންނޭ ކިޔައިގެން އެ ދައްކާ ވާހަކަތައް، ސަރުކާރޭ ކިޔައިގެން އެ ދައްކާ ވާހަކަތައް ނުކުމެ ބައްލަވަންވީ ނޫންތޯ. ޖަވާބުދާރީނުވެވޭ އެއް ކަމެއް ވެސް ނޯންނާނެ އަޅުގަނޑުމެން ކޮށްފައެއް. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ، އެއްވެސް ވުޒާރާއަކުން ނޯންނާނެ ކޮށްފައެއް. އެއްވެސް ކުންފުންޏަކުން ކޮށްފައެއް ނޯންނާނެ. އެތަނުގައި ތިއްބެވި ބޭފުޅުންނަށް އެއަށް ޖަވާބުދާރީވެވޭނެ،" ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއީ އެމްޑީޕީން އެކުގައި ތެދުވެ، ނުކުންނަންވީ ވަގުތު ކަމަށާއި ސަރުކާރުން ގިނަ ކަންތައްތަކެއް ސިއްރުކުރާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ކޮވިޑުގެ ދުވަސްވަރު ރައްޔިތުންނަށް ޖެހުނު އުނދަގޫ، ދަތި ދަނޑިވަޅުތަކުގައި އެހީތެރިވެދީފައިވާނެކަން ވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ކުރީ އެ ކަންތައް. މުސާރަ ބަރާބަރަށް ދިނިން، ވަޒީފާއަކުން މީހެއް ވަތްކެއް ނުކުރަން. ރިސޯޓުތަކުގެ ކުލި ފަސްކޮށްދިނިން، ފަސްކޮށްދޭން ޖެހޭނެ ނޫންތޯ އެމީހުންނަށް އާމްދަނީއެއް ނުލިބޭ. ފައިސާ ދެއްކޭނީ ލާރި ލިބިގެން ނޫންތޯ، އެކަން ކުރިން. ލޯނު ދިނިން، އެހީތެރިވެދިނިން ވިޔަފާރިތަކަށް. މިއަދު މި ހާލަތުގައި މި ގައުމު މިއޮތީ އެ ދުވަހު އެ މަސައްކަތްކުރީމަ،" ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު ކޮށްފައިވާނީ ރަނގަޅު ކަންތައްތަކެއް ކަމަށާއި މިއަދު މި ގައުމު ސަލާމަތްވެފައި އޮތީ އެ ދުވަހު އެ ކުރި މަސައްކަތުން ކަމަށެވެ. އަދި 2022 ވަނަ އަހަރު އައި އިރުގައި، ކުރީގެ ހިސާބަށް އިގުތިސާދު ކުރިއަށްދިޔައީ އެ ދުވަހު އެ މަސައްކަތްކުރުމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު