މުދަލު ޒަކާތުގެ ނިސާބު 9240.35 ރުފިޔާއަށް ދަށްކޮށްފިއެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަދަލުކޮށްފައެވެ.
ޒަކާތު ހައުސްއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 9240.35 ރުފިޔާ ކަމަށެވެ. އެއީ 113.17 ރުފިޔާ ދަށް އަދަދެކެވެ.
ޒަކާތު ހައުސް އިން މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު ބޮޑުކުރި ކަމަށް އިއުލާނުކުރީ މިއަހަރުގެ މެއި މަހުގެ 22 ގައެވެ. އެއީ 7140 ރުފިޔާއިން 9353.40 ރުފިޔާއަށެވެ.
މީރާ އިން އާންމުކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބުނެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 82 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު 70 މިލިއަން ރުފިޔާއަށްވުރެ 17.8 ޕަސެންޓް އިތުރު އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު