ރާއްޖޭގެ ގައުމީ ފިރިހެން ބީޗް ހޭންޑްބޯލް ސްކޮޑަށް ފުރުސަތު ހުޅުވާލައިފިއެވެ.
ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮށްފައިވާ އިއުލާނުގައި ބުނީ ފިރިހެން ބީޗް ހޭންޑްބޯލް ޓީމަށް ޝައުގުވެރިވާ 18 އަހަރުން މަތީގެ ޒުވާނުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝައުގުވެރިވާ ކުޅުންތެރީން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަނުގެ ޕޭޖާއި ގެޒެޓުގައިވާ ގޫގަލް ފޯމު ފުރިހަމަ ކުރުމަށް އެދިފައިވެއެވެ.
އިއުލާނުގައި ބުނީ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް ކޯޓުގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސިޓީގައި 20 ވަނަ ދުވަހު ތަމްރީނުތައް ފަށަންވެސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.
ބީޗް ހޭންޑްބޯލް ރަސްމީކޮށް ރާއްޖޭގައި މިވަގުތު ކުޅެމުންދާ ކަމަށް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ދ. ކުޑަހުވަދުއާއި ކުޅުދުއްފުށީގައެވެ. އެގޮތުން ކުޅުދުއްފުށީގައިވެސް ގިނަ މުބާރާތްތަކެއް ބާއްވަމުންދާކަން ފާހަގަވެފައިވާ އިރު، އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް ގައުމީ ޓީމުގެ ތަމްރީނުތައް ފެށުމަށް ނިންމީ ޖާގައިގެ ގޮތުން ބެލުމުގެ އިތުރުން އެ ސިޓީގައި ކުޅިވަރަށް އޮތް ޝައުގުވެސް ބޮޑުވުމުން ކަމަށެވެ.
މުޖޭ އިތުރަށް ވިދާޅުވީ ގައުމީ ބީޗް ހޭންޑްބޯލް ޓީމެއް އެކުލަވާލައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ތައްޔާރުވަމުންދާ ކަމަށާއި، އަންނަ އަހަރު ކުރީކޮޅު އޮތް ކޮމަންވެލްތު ބީޗު ހޭންޑްބޯލް މުބާރާތަށްވެސް ޓީމެއް ފޮނުވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އޭގެ އިތުރުން ސައުތު އޭޝިއަން ގޭމްސްގައިވެސް ބީޗް ހޭންޑްބޯލް ހިމެނިފައިވުމާއެކު، އެ ކުޅިވަރަކީ ރާއްޖެއަށް ފަސޭހައިން މެޑަލްއެއް ހޯދިދާނެ ކުޅިވަރެއް ކަމަށްވެސް މުޖޭ ވިދާޅުވިއެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް