ރާއްޖޭގެ ބީޗް ހޭންޑް ބޯޅަ ޓީމަށް، އޭޝިއާގެ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައިވެސް މެޑަލް ހޯދޭނެކަމުގެ އުންމީދު އާވެއްޖެ ކަމަށް ކޯޗު، އަފްގާނިސްތާނުގެ ޒަބީއުﷲ އިސްލާމްޔާރު ބުނެފިއެވެ.

ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން މިހާތަނަށް ކުޅުނު މެޗުތަކުގައި ތަފާތު ދައްކާފައިވެއެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކުރި އިރު، އޭގެފަހުން މޮންގޯލިއާވެސް ބަލިކުރިއެވެ. އަދި އޭޝިއާގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ގައުމުތަކާ ދެކޮޅަށް ރަނގަޅު ވާދައެއްވެސް ކޮށްފައިވެއެވެ.

އިއްޔެ ރާއްޖޭން ނުކުތީ އޭޝިއާގެ އެންމެ ވަރުގަދަ ފަސް ޓީމުގެ ތެރޭގައިވެސް ހިމެނޭ، އެންމެފަހުގެ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ ގޭމްސް އަދި ދެކުނު އޭޝިއާގެވެސް ޗެމްޕިއަން ޕާކިސްތާނާ ދެކޮޅަށެވެ. އެމެޗު ޕާކިސްތާނުން ދެ ސެޓުން ކާމިޔާބުކުރި ނަމަވެސް، ރާއްޖެ ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. ފުރަތަމަ ސެޓު 20-12 އިން ދިޔަ އިރު، ދެވަނަ ސެޓު ދިޔައީ 12-18 އިންނެވެ.

މެޗަށްފަހު ކޯޗު އިސްލާމްޔާރު ބުނީ ރާއްޖޭން ފެނުނީ ހީކުރި ވަރަށްވުރެވެސް ރަނގަޅު ކުޅުމެއް ކަމަށާއި، ޕާކިސްތާން ފެންވަރުގެ ޓީމުތަކާ ދެކޮޅަށް އެ ކުޅޭ ކުޅުމާއެކު ދެތިން އަހަރު ތެރޭގައި މިކަހަލަ ގޭމްސްއިން މެޑަލް ހޯދޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

"އެންމެންނަށްވެސް އެނގޭނެ ޕާކިސްތާނަކީ އޭޝިއާގެ މިވަގުތުވެސް ތިންވަނައިގައި އޮތް ޓީމުކަން. ދެން ދެ ހާފުގައިވެސް އެންމެ ހަ ގޯލްގެ ފަރަގެއް މިއޮތީ. އެއީ ރަނގަޅު ނަތީޖާއެއް. ޕާކިސްތާނަކީ ބީޗް ހޭންޑްބޯޅައިގެ ރަން މެޑަލް ހޯދައި، ކޮމަންވެލްތު މުބާރާތްވެސް ކާމިޔާކުރި ޓީމެއް. އެޓީމުން ކައިރިން ވާދަވެރިކޮށް، ގޯލަކަށްފަހު ގޯލެއް ޖަހަމުން ވަކި ހިސާބަކަށް ހިފެހެއްޓުމަކީ ވަރަށް ހެޔޮ ފާލެއް،" ކޯޗު ބުންޏެވެ.

"މި މުބާރާތްތަކުން އަހަންނަށްވެސް ޓީމަށްވެސް އެތައް ކަމެއް ދަސްވޭ. ހާއްސަކޮށް މި ފެންވަރުގައި ހިފަހައްޓާލެވުމުން އޭގެން އެނގޭ ރާއްޖޭގައި މި ކުޅިވަރު ކުރިއަށްދާނެކަން. ދެން މިކަހަލަ ގޭމްސްއަކަށް އަންނާނީ މެޑަލްއެއް ހޯދަން. ތަޖުރިބާ ހޯދާކަށް ނޫން. އިންޝާﷲ އެކަން ކުރެވޭނެ،" އޭނާ އިތުރަށް ފާހަގަކުރިއެވެ.

ރާެއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމަށް އޭޝިއަން ބީޗް ގޭމްސްގައި މިއަދުވެސް މެޗެއް އޮންނާނެއެވެ. އެމެޗުގައި ނުކުންނާނީ ގަތަރާ ދެކޮޅަށެވެ.