ލިވަޕޫލާއި އެ ކްލަބުގެ ކުރީގެ ކޯޗު ޔާގަން ކްލޮޕަށް އަމާޒުކޮށް ހަޑިހުތުރުބަހުން ވާހަކަ ދެއްކި ރެފްރީއެއް ކަމަށްވާ ޑޭވިޑް ކޫޓް ސަސްޕެންޑް ކޮށްފިއެވެ.

ކްލޮޕާއި ލިވަޕޫލަށް އަމާޒުކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރި ކޫޓްގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު ރެފްރީންގެ ކަންކަން ބަލާ މައި ޖަމިއްޔާ ޕީޖީއެމްއޯއެލްއިން އޭނާ ވަގުތުން ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރުމަށްފަހު އެ ޖަމިއްޔާއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ދެވޭނީ މައްސަލައަށް ވަކި ގޮތެއް ނިމުމުން ކަމަށެވެ.

ކޫޓަކީ 2018 ވަނަ އަހަރުން ފެށިގެން ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަމުން އަންނަ ތަޖުރިބާކަރު ރެފްރީއެކެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި ލިވަޕޫލާއި އެސްޓަން ވިލާއިން ވާދަކުރި މެޗުގެ ރެފްރީކަންވެސް ކޮށްފައެވެ.

ކޫޓް ލިވަޕޫލާއި ކްލޮޕަށް އަމާޒުކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައިވަނީ އެޓީމުން 2020 ވަނަ އަހަރު ބާންލީއާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗަށް އަމާޒުކޮށެވެ. އެ މެޗުގައި ކޫޓް ރެފްރީކަން ކޮށްފައިވާ އިރު، މެޗަށްފަހު ލިވަޕޫލް ކޯޗު ކްލޮޕް ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ.

ކްލޮޕް އެ މެޗަށްފަހު ބުނެފައިވަނީ އެ މެޗުގައި ރެފްރީގެ ފަރާތުން ވަރަށް ބޮޑެތި ގޯސްތައް ފެނުނު ކަމަށާއި، އިދިކޮޅު ޓީމުން ކިތަންމެ ފައުލެއް ކުރި ނަމަވެސް މާ ބޮޑަށް ސަމާލުކަން ނުދީ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ މެޗަށްފަހު ކްލޮޕް ބުނީ ރެފްރީ ދެކެ ރުޅި އައިސްފައި ހުރި ނަމަވެސް، ޓީމުން ޒިންމާ ނަގާނެ ކަމަށެވެ.

ލިވަޕޫލުން 30 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ނެގީ އެ ސީޒަނުގައެވެ. އެންފީލްޑްގައި ޖެހިޖެހިގެން 24 މެޗުން މޮޅުވެ ލިވަޕޫލުން ބާންލީ މެޗަށް ނުކުތީ ހޯމް ހުރިހާ މެޗަކުން މޮޅުވެގެން ސީޒަން ނިންމާލާށެވެ. އަދި 100 އަށްވުރެ ގިނަ ޕޮއިންޓް ސީޒަނުގައި ހޯދަންވެސް ލިވަޕޫލުން ޓާގެޓް ކޮށްފައިވާ އިރު، ބާންލީ ކައިރިން ހޯމްގައި އެއްވަރުވެ، ދެން ކުޅުނު މެޗުގައި އާސެނަލް ކައިރިން ބަލިވެ ލިވަޕޫލަށް އެޓީމުގެ ޓާގެޓް ހާސިލެއް ނުވިއެވެ.