ސެކިއުރިޓީ ފީޗާސްތައް ހުންނަ ޑޮމެއިން ނަންބަރު ވިއްކަން (އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު) އިސްލާހުކޮށް، ގެޒެޓުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ދޫކޮށްފައިވާ ޑޮމެއިންތަކަށް ފައިސާ ދައްކައި ހަލާސްކުރަން ދެމަސް ދުވަހުގެ މުއްދަތެއް ޑޮމެއިންތަކުގެ ވެރިފަރާތްތަކަށް ލިބޭނެ ކަމަށެވެ.
އަދި މިނިސްޓްރީން ދޫކުރާ ޑޮމެއިންގެ ރަޖިސްޓްރީ ލިޔުމާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދަތައް ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިންނަށް ބަދަލުކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެ މުއްދަތުގެ ފަހުން ބޭނުންކުރާ ޑޮމެއިން ރަޖިސްޓްރީއާއި ހުއްދަތައް މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ ނުވަތަ ދިމާވާ މައްސަލަތައް ހައްލުކުރުން ހަތް މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލަވައިލަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެ ކޮމިޓީން ބަލަމުންދާ މައްސަލައާ މެދު ކޮމިޓީން ގޮތެއް ނިންމަންވާނީ މަދުވެގެން ހަތަރު މެންބަރުންގެ އަގުލަބިއްޔަތުން ކަމަށާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގައިވާ ގޮތުން ޑޮމެއިން ރަޖިސްޓަރީ ކުރުމާއި އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އާއި ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމުގެ ހުއްދަ އާއި ޑޮމެއިން ދޫކޮށްފައިވާ އުޅަނދު ބަދަލުކުރުމަށް އަގުތަކެއް ނެގިދާނެއެވެ. އެގޮތުން އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް 500 ރުފިޔާ ހިދުމަތުގެ ފީގެ ގޮތުގައި ނެގިދާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑު އަގުގައި ވިއްކަމުންދިޔަ ޑޮމެއިން ނަންބަރުތައް ވިއްކުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރެއިގައި ވަނީ ހުއްޓައިލައިފައެވެ. އެއީ ޑޮމެއިން ވިއްކުމުގައި ހިޔާނާތަށް ތުހުމަތުވާ ކަންތައްތަކެއް ހިނގައިފައިވުމުގެ ސަބަބުންނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ 1،400 ޑޮމެއިން ނަމްބަރު ބޭނުން ކުރަމުން އަންނަ އިރު އޭގެ ތެރެއިން ސައްހަ ޑޮމެއިންތަކަކީ 700 ކަމަށެވެ. ބާކީ 700 ޑޮމެއިންއަކީ ސައްހަ ނޫން ޑޮމެއިން ނަމްބަރުތަކަށްވާތީ ގާނޫނީ ނިޒާމުގެ ތެރެއަށް އެ ޑޮމެއިންތައް ފެއްތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު