އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސް ފަށަން، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ. އަދި އެދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓް ހުށަހެޅުއްވުމުން، ދިރާސާކުރުމަށް ޓަކައި ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ނަމަވެސް މަޖިލީހަށް ބަޖެޓް ހުށަހަޅައި ބަޖެޓް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއިރުވެސް ބަޖެޓް ފޮތް ނުލިބޭ މައްސަލައިގައި، އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ މެންބަރުން ވިދާޅުވީ، މަޖިލީހުގައި ބަޖެޓަށް ވާހަކަ ދެއްކޭނީ އެކަމާބެހޭ ތަފްސީލުތައް ލިބިގެން ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވީ، ބަޖެޓް ބަހުސް ފަށާއިރު ބަޖެޓް ފޮތް ލިބޭނެ ކަމަށެވެ.

މާދަމާ މަޖިލީހުގައި ބަޖެޓް ބަހުސް ފަށާއިރު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ، ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވުމަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.

ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތީން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ދޭން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ބެޖެޓް ކޮމެޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމެޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.