ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނު ސައުދީއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް، ސައުދީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރިޔާދް ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން އަބްދުއްރަޙްމާން ބިން އަބްދުލްއަޒީޒް ކަމަށެވެ.

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ލެވެލްގެ ވަފުދެއް ވެސް ސައުދީއަށް ވަޑައިގެންފައިވެއެވެ. އަދި މިއަދު ބާއްވާ އެ ސެޝަނުގެ ސަމިޓުގައި ރާއްޖޭގެ ބަޔާން ރައީސް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީއަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި ސަރަހައްދީ މުހިންމު މައްސަލަތަކާ މެދު، އެ ސަރަހައްދުގެ އިސްވެރިންނާ އެކު ބާއްވާ މަޝްވަރާގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންޓް އަރަބް-އިސްލާމިކް ސަމިޓުގެ މަޝްވަރާތައް ބިނާކުރާނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ނިންމި އެ ސަމިޓުގެ ނިންމުންތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް ވަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައްވައި، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައިފައެވެ. އަދި ވަނީ އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވެސް ކުށްވެރިކުރައްވައިފައެވެ.