މަޝްހޫރު އެކްޓަރު އަދި ފިލަންތްރޮޕިސްޓް، ސޯނޫ ސޫދު، ތައިލެންޑް ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރު އަދި ލަފާދޭ މީހެއްގެ ގޮތުގައި އައްޔަންކޮށްފިއެވެ. ވަކީން ހާއްސަކޮށް ބަލިމަޑުކަމުގެ ދުވަސްވަރު އިންސާނިއްޔަތަށް ކުރި މަސައްކަތްތަކަށް ޓަކައި ދުނިޔޭގެ ފެންވަރުގައި ތައުރީފު ސޯނޫ ސޫދަށް ވަނީ ލިބިފައެވެ.

ތައިލެންޑްގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓްރީން ދޫކޮށްފައިވާ ރަސްމީ ސެޓްފިކެޓުގައި ސޯނޫ ސޫދު ވަނީ ތައިލެންޑްގެ "އޮނަރަރީ ޓޫރިޒަމް އެޑްވައިޒަރު" ގެ ގޮތުގައި ކަނޑައަޅާފައެވެ. މި މަގާމުގައި އޭނާ އިންޑިއާގައި ތައިލެންޑްގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ސްޓްރެޓެޖީތަކާ ގުޅޭގޮތުން ލަފާ ދޭނެއެވެ.

ސޯނޫ ސޫދު އޭނާގެ ސޯޝަލް މީޑިއާގައި މި ޚަބަރު ހިއްސާކުރަމުން ޝުކުރުވެރިކަމާއެކު ބުނެފައިވަނީ،"ތައިލެންޑްގެ ފަތުރުވެރިކަމުގެ ބްރޭންޑް އެމްބެސެޑަރު އަދި ލަފާދޭ މީހެއްގެ ގޮތުގައި އައްޔަންކުރީތީ ވަރަށް އުފާވެއްޖެ" ކަމަށެވެ.

ސޯނޫ ބުނީ މި ކަމުގެ ސަބަބުން އިހުތިރާމު ލިބިގެން ހިނގައްޖެ ކަމަށާއި ފުރަތަމަ ބޭރު ގައުމަށް ކުރި ދަތުރަކީ ވެސް އާއިލާއާއެކު ތައިލެންޑަށް ކުރި ދަތުރެއް ކަމަށެވެ. މި އާ މަގާމުގައި، ތައިލެންޑުގެ ހައިރާންކުރުވަނިވި މަންޒަރުތަކާއި މުއްސަނދި ސަގާފީ ތަރިކަ ކުރިއެރުވުމަށް ލަފާދީ، ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ލިބުނު ހުރިހާ ލޯތްބަކާއި ހެޔޮ އެދުންތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް ސޯނޫ ބުނެފައިވެއެވެ.

އަހަރުތަކެއް ވަންދެން، ސޯނޫ ސޫދު ވަނީ އެކްޓަރެއްގެ ގޮތުންނާއި ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ކުރި މަސައްކަތްތަކުން އޭނާގެ މަގުބޫލުކަން އިތުރުކޮށްފައެވެ. ބަލިމަޑުކަމުގެ ދުވަސްވަރު، ކާނާ، ތައުލީމު އަދި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އޭނާ ކުރި ފާހަގަކޮށްލެވޭ މަސައްކަތްތަކުން އޭނާއަށް "ގައުމުގެ ބަތަލު" ގެ ލަގަބު ލިބުނެވެ. އޭނާގެ އަމިއްލަ ނަފުސަށް ނުބަލައި، ކުރާ މަސައްކަތްތަކުން ގިނަ ބަޔަކަށް އުއްމީދު ލިބެމުންދެއެވެ. ތައިލެންޑްގެ ބްރޭންޑް އެމްބެސެޑަރުގެ މި މަގާމާއެކު، އޭނާ ހިމެނޭނީ ޝާހުރުކް ޚާން (ދުބާއީގެ ބްރޭންޑް އެމްބެސެޑަރު) އަދި ރަންވީރް ސިންގު (ސުވިޒަލޭންޑްގެ ބްރޭންޑް އެމްބެސެޑަރު) ފަދަ މަޝްހޫރު ތަރިންގެ ތެރެއަށެވެ.