ސަރުކާރުން އެކި ފަރާތްތައް ލައްވައި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ މަދުން ދޭންޖެހޭ ހުރިހާ ބިލަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން އެކި ފަރާތްތައް ލައްވައި ކުރުވި އެކި މަސައްކަތްތަކަށް ނުދީ، އެތައް 100 މިލިއަން ރުފިޔާއެއް އެބަހުރި ކަމަށެވެ.
ނަމަވެސް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައި ހުރި ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ ހުރިހާ ބިލުތަކަށް މި ސަރުކާރުން ފައިސާ ދީ ނިންމާފައިވާ ކަމަށާއި އެގޮތުން މިދިޔަ ހަފުތާގައި އެކަނިވެސް 501 މިލިއަން ރުފިޔާ ޖަމާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު އައި ފަހުން އެފަދަ މަސައްކަތް ކުރުވި ފަރާތްތަކަށް 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ކުރުވާފައިވާ އެކި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް މިދިޔަ އަހަރެއްހާ ދުވަހު ގަވާއިދުތަކާއި ގާނޫނުތައް އަދި ތަންފީޒީ ދާއިރާ ވަރުގަދަކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދައުލަތަށް ނުލިބިވާ ފައިސާގެ ތެރެއިން 3.7 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަގަންޖެހޭ ދަރަނިވެސް މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު