އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މައްސަލަ ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް އެޖެންޑާކޮށްފިއެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރު، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ބިލުގެ މަސައްކަތް އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ތާވަލުކޮށްފައވާ ކަމަށެވެ. ފުރަތަމަ އޮންނާނީ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"ކޮމިޓީން އެ ބިލު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ކަމާބެހޭ އިދާރާތަކާ ބައްދަލުކުރާނެ. އަދި ބިލުގެ މަސައްކަތް ކުރިއަށްދާނީ އެ އިދާރާތަކުގެ މަޝްވަރާގެ މަތިން،" އޭނާ ވިދާޅުވިއެވެ.
އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
ބިލުގެ މަސައްކަތް ކޮމިޓީގައި މި ފަށަނީ ފަސް މަސް ދުވަސް ފަހުންނެވެ.
ބިލުގެ މަސައްކަތް ނުފަށައި ކޮމިޓީގައި އޮންނަތާ ގިނަ ދުވަސްވުމާ ގުޅިގެން، ބިލު ހުށަހެޅުއްވި މެންބަރު މީކާއީލް ވަނީ، ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު އޮޅުންފިލުވައިދިނުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲގެ ކިބައިން އެދިވަޑައިގެންފައެވެ. މީކާއީލް އެކަމަށް އެދިވަޑައިގެންފައިވަނީ، މަޖިލިސް ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލުގެ މަސައްކަތް 241 ކޮމިޓީއަށް އެޖެންޑާކޮށްފައި މިވަނީ، އެ ބިލުގެ މަސައްކަތް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުންތައް ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް ފާޅުކޮށްފައިވަނިކޮށެވެ. އެ ޕާޓީތަކުން ވަނީ އެ މަސައްކަތްތައް އަވަސްކުރުމަަށް ގޮވާލައިފައެވެ.
މީކާއީލް އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.
އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވެސް ވަނީ ނިންމައިފައެވެ.
މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައިވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.
- ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
- ހާރިޖީ ވަޒީރު މޫސާ ޒަމީރު
- އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
- އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވެފައިވަނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތުމުން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރައީސް ބޭނުންފުޅުވަނީވެސް ވީހާވެސް އަވަހަކަށް އެ މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު