މިހާރު ގާނޫނު ހެދިފައި އޮތީ ކުށްކުރާ ފަރާތްތައް ސަލާމަތް ވާނެ ފަދަ ގޮތަކަށް ކަމަށާއި ކުށުގެ ވެށީން މީހުން ދުރުކުރުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓެއްގެ ތެރޭ، ރަހީނުކޮށްގެން ގެންގުޅުނު މީހަކު ސަލާމަތްކޮށް، 12 މީހަކު ހައްޔަރުކުރުމަށް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށްފަހު ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރު އައި އިރު، ކުށްކުރާ ފަރާތަށް ރައްކާތެރިކަން ހޯދައިދިނުމަށް ނުވަތަ ކުށްކުރާ ފަރާތް ސަލާމަތްކުރުމަށްޓަކައި ހެދެން ހުރި ހުރިހާ ގާނޫނެއް ހަދާފައިވާ ކަމަށެވެ.
"އެހެންނަމަވެސް ކުށް ހުއްޓުވަން އުޅޭ ފަރާތްތަކުން، ކުށް ހުއްޓުވުމަށްޓަކައި އަދި ކުށުގެ މާހައުލުން މީހުން ދުރުކުރުވުމަށްޓަކައި ކުށަށް ނުދާނެ ގޮތަކަށް ގާނޫނުތައް ބައްޓަންކުރުމުގެ އެހާ ބޮޑު ވިސްނުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް ފެނިފައެއް ނެތް. އެހެންވީމާ އަޅުގަނޑު ފުރަތަމަ ވެސް ދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑުމެން މި ހުށަހަޅާ ގާނޫނު ވުޖޫދަށް އައިސް، އެއަށް އަމަލީ ސިފަ އަޅުގަނޑުމެން ގެންނަން ބޭނުންވާ ދުވަސް. އެއީ އަޅުގަނޑު ދަންނަވާނީ މިހާރު މި އުފެދިފައިވާ ކުށުގެ މާހައުލު ހައްލުކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ގާނޫނުގެ ތެރެއިން ފުލުހުންނަށް ލިބެން ޖެހޭ ބާރާއި ހަތިޔާރާއެކު މެނޭޖު ކުރެވޭނެ ކަމަށާއި ނަމަވެސް ބައެއް ފަހަރު ގާނޫނުތައް ހެދިފައި ހުރި ގޮތުން ތަކުރާރުކޮށް ކުށްކުރާ މީހާ ވަރަށް ފަސޭހަކަމާއެކު އަތްދަށުން ދޫވެގެންދާ ކަމަށެވެ. އަދި ކުށެއް ނުކުރާ މީހަކަށް ފިޔަވަޅު އެޅިގެން ނުވާނެކަން ވެސް ގަބޫލުކުރައްވާ ކަމަށެވެ.
"އެ ޕްރޮޓެކްޝަން ވެސް އޮންނަން ޖެހޭނެ، އިންސާނީ ހައްގުތައް ރައްކާތެރިކުރެވެން ޖެހޭނެ. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ގައުމުގައި ތަންކޮޅެއް ފުޅާވެފައިހެން މިއޮތީ. އެ ވީވީނުން ގޮސް، އަޅުގަނޑުމެން ލޯމަތީ ކުށްކުރާ މީހާ ވެސް ކުޑަކުޑަ އިދާރީ ކުށެކޭ ކިޔާފަ ނުވަތަ ނަގަން ޖެހޭ ދިމާއަކުން ނަގަން ޖެހޭ ފިޔަވަޅެކޭ ކިޔާފަ އެމީހާ ކުށް ނުކުރާ ކަމަށް ހަދާފަ މުޖުތަމައުގެ ތެރެއަށް އެބަ ދޫވޭ. މިކަންކަމަށް ހައްލު އައީމާ މިކަމަށް ދާއިމީ ހައްލެއް އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ތަކުރާރުކޮށް ކުށްތައް ކުރަން ބޭނުންކުރާ ތަންތަން ފާހަގަކުރެވިފައިވާ ކަމަށާއި އެތަންތަނުގެ ވެރިފަރާތްތަކުގެ އަތުން އެތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތްތަކެއް ވެސް ހޯއްދަވާނެ ކަމަށެވެ. އަދި ހިޔާ ފުލެޓު ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު