ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމާއި ހައިޑްރަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ.
ވީއައިއޭއަށް ޖައްސާ ފުލައިޓުތަކާއި ޖެޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތްދިނުން އަވަސްކުރުމަށް ތަރައްގީކުރި ފިއުލް ފާމާއި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރި ހައިޑްރަންޓް ސިސްޓަމް ބޭނުންކުރަން ފަށާފައިވަނީ ވީއައިއޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ފިއުލް ފާމާއި ހައިޑްރަންޓް ސިސްޓަމް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އާ އެވެ. އެއީ 373 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
މީގެ ކުރިން ބޭނުންކުރަމުންދިޔަ ފިއުލް ފާމްގައި 13.5 މިލިއަން ލީޓަރު ރައްކާކުރެވުނު ނަމަވެސް، މިއަދު ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވެއެވެ. އެ ފިއުލް ފާމްގެ ބޮޑުމިނަކީ 3700 އަކަމީޓަރެވެ. ފިއުލް ފާމާއެކު 24000 ޑެޑްވެއިޓްގެ ތެޔޮ ބޯޓުތައް ކައިރިކުރެވޭ ވަރަށް ހަދާފައިވާ ފިއުލް ޖެޓީއެއް ވެސް ހިމެނެއެވެ.
މީގެ ކުރިން ތެޔޮ ބައުޒަރުތަކަށް ތެޔޮ އަޅައިގެން ވަރަށް މެނުއަލްކޮށް ފުލައިޓުތަކަށް ތެޔޮ އަޅަމުންދިޔަ ނަމަވެސް، ހައިޑްރަންޓް ސިސްޓަމާއެކު އެ މަސައްކަތް ވަނީ އޮޓޮމޭޓް ވެފައެވެ. ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިސިޝަން (ސްކާޑާ) ސިސްޓަމް ބޭނުންކޮށްގެން އެ މަސައްކަތް މިހާރު ކުރެވޭނީ ކޮންޓްރޯލު ރޫމެއް މެދުވެރިކޮށެވެ. ފިއުލް ފާމްގައި ހުރި ޕަމްޕުތަކާ ހައިޑްރަންޓް ސިސްޓަމް ގުޅުވައިދެނީ ސްކާޑާ ސިސްޓަމުންނެވެ. ހައިޑްރަންޓް ސިސްޓަމްގެ ދިގުމިނަކީ 8.4 ކިލޯމީޓަރެވެ.
އެމްއޭސީއެލުން ބުނީ ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ފިއުލް ފާމުން ފެށިގެން އޭޕްރަންގެ މަތިންދާބޯޓު ޕާކުކުރާ ސްޓޭންޑުތަކާ ހަމައަށް ބިމުގެ އަޑީގައި ވަޅުލެވިފައިވާ ޕައިޕްލައިނެއް ކަމަށާއި އެއީ ޖެޓް ފިއުލް ޕްރެޝަރައިޒް ޕައިޕްލައިނެއް ކަމަށެވެ. އޭގެ އިތުރުން އެ ޕައިޕްލައިނުން ރަންވޭ ހުރަސްކޮށް، ސީޕްލޭން ފެސިލިޓީއަށް ވެސް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ބޮޑެތި ބޯޓުތަކަށް ތެޔޮ އެޅުމަށް ކުރިން ދޮޅު ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، އާ ސިސްޓަމާއެކު މިހާރު އެކަމަށް ހާދަވާނީ 45 މިނެޓާއި އެއް ގަޑިއިރާ ދެމެދުގެ ވަގުތެއް ކަމަށެވެ.
"އޭގެ މާނައަކީ ގްރައުންޑެއްގައި ބޯޓެއް އޮންނަ އޮތުމުގެ ވަގުތު ކުޑަކުރެވުމަކީ އޭގެ ޕްރޮޑަކްޓިވިޓީ އަދި އުދުހުމަށް ކުރާ ހަރަދުތައް ދަށްވެ، މިތަނަށް އަންނަ އެއާލައިންތައް އައުމަށް ލިބޭ ހިތްވަރަކަށް ވާނެ. މިވަރުގެ ބޮޑު ސިސްޓަމެއް ގެންނަ އިރު ހުންނާނެ ވަރަށް ގިނަ ގޮންޖެހުންތައް. އެހެންނަމަވެސް މި ހުރިހާ ގޮންޖެހުމަކާ އެކުވެސް އަޅުގަނޑުމެންނާ އެއްކޮށް ޓްރަޔަލްގައި ބައިވެރިވެ، އަޅުގަނޑުމެންނަށް ތި ކުރެއްވި އިތުބާރަށްޓަކައި އަޅުގަނޑު ހުރިހާ އެއާލައިންތަކަށް ވަރަށް ހާއްސަކޮށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ވީއައިއޭގެ އޮޕަރޭޝަނަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެކަންކަން ފަހިކޮށްދެއްވާ ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު