ސަރުކާރުން ބަޖެޓު ފޮތްދިނުން ލަސްކުރަނީ، ބަޖެޓު ދިރާސާކުރުމަށް ވަގުތުނުދީ އަވަހަށް ފާސްކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ފޮނުވި ދައުލަތުގެ ބަޖެޓު މިމަހުގެ 20 ވަނަ ދުވަހު ފާސްކުރަން ޖެހޭ އިރު، ބާކީ އޮތީ 14 ވަރަކަށް ދުވަސް ކަމަށާއި ބަޖެޓު ފޮތް ނުދީ ލަސްކުރުމަށްފަހު ކަންކަން ހިނގައިގަންނަން ފަށާނީ ދިހަ ވަރަކަށް ދުވަހަށް ކުޑަވީމަ ކަމަށެވެ.

"އޭރުން ބުނާނެ ވަގުތެއް ނެތޭ މިވެނި ދުވަހަކަށް ފާސްކުރަން ޖެހެއޭ. އެހެންވީމާ އެއަށް ބަލަންވާ ވަރަށް ނުބެލި، އެއްވެސް ކަމެއް އުސޫލުން ނުގެންގޮސް، ކުރުގަޅުވާލައިގެން އަޅުގަނޑުމެންނަށް ފާސްކުރަން މަޖުބޫރުވާ ހާލަތަށް މިހާރު އެ ގެންދަނީ. އެއީ މައިގަނޑު އޭގެ ބޭނުމަކީ. ކަންކަން ރަނގަޅަށް ނުގެންދަނީ އެ ދިރާސާކޮށް، އެއަށް ބަހުސްކޮށް، ވަގުތު ލިބިގެން އެކަން ކުރަން ފުރުސަތު ނުދިނުން،" އޭނާ ވިދާޅުވިއެވެ.

ގަފޫރު ވިދާޅުވީ އެއީ ކަންކަން އޮޅުވާލުމަށާއި، ކަންކަން ސާފުކޮށްނުދިނުމަށާއި، ވައްކަމަށް މަގުފަހިވާގޮތަށް އާންމުކޮށް ކަންކަން ކުރާ އުސޫލު ކަމަށާއި އެއީކީ ނޭނގި ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުން ގަސްތުގައި ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މަޖިލީހުގައި މި ހޭދަކުރި ދިގު ތާރީހުގެ ތެރޭގައި އެއްވެސް ފަހަރަކު އަޅުގަނޑުމެންނަށް ބަޖެޓު ފޮތް ނުލިބި، ބަޖެޓު ހުށަހެޅިގެންނެއް ނުދޭ. އަޅުގަނޑު މި ދައްކަނީ އަޅުގަނޑުގެ ހަތަރުވަނަ ޓާމްގެ ވާހަކަ. މިއަދު މިއީ މިމަހުގެ ހައެއް، އަދިވެސް އަޅުގަނޑުމެންނަށް ފޮތް ނުލިބޭ. ބަޖެޓު ފޮތުގައި ހުންނާނެ ވަރަށް ބައިވަރު މައުލޫމާތު. ފޮތް ލިބުނީމާ އަޅުގަނޑުމެންނަށް ދިރާސާކުރުމުގައި ވެސް އަދި އިންޑިވިޖުއަލް މެންބަރުން ވެސް، އެބޭފުޅުންގެ ދާއިރާތަކުގެ ކަންތައްތަކުގައި އެއްވެސް އެއްޗެއް ބުނަން އެނގޭނީ. އަދިވެސް މިދަނީ ނުލިބި،" އޭނާ ވިދާޅުވިއެވެ.

ގަފޫރު އިތުރަށް ވިދާޅުވީ މިހާރު ފެންނަ މަންޒަރުން ވެސް އެ ބަޖެޓަކީ ގާނޫނާ ހިލާފަށް ހުށަހަޅާފައި އޮތް ބަޖެޓެއް އެނގޭ ކަމަށާއި ކައުންސިލުތަކަށް ބަޖެޓު ދޭން ޖެހޭ މިންގަނޑު ގާނޫނުގައި އޮންނާނެ ކަމަށެވެ. ނަމަވެސް ބަޖެޓުގައި ކައުންސިލުތަކަށް ދީފައި އޮތީ އެ މިންގަނޑަކަށް ނޫން ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ބަޖެޓު ފޮތް ނުލިބޭ މައްސަލައިގައި ބަޖެޓް ކޮމިޓީގެ މެންބަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ، ބަޖެޓު މަޖިލީހަށް ހުށަހެޅި ނަމަވެސް ބަޖެޓް ފޮތް މަޖިލީހަށް ހުށަހެޅޭނީ ބަޖެޓުގެ ބަހުސް ކުރިއަށްގެންދާނެ ތާރީހެއް ކަނޑައެޅިގެން ކަމަށެވެ.