މަގުބޫލު ސެލެބްރިޓީންނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަކީ އަބަދުވެސް މަޖާ އަދި ޝައުގުވެރިކަމެކެވެ. އެމީހުން ޅަފުރައިގައި ތިބީ ކިހިނެއްތޯ، ކަނީ ކޮން އެއްޗެއްތޯ، އަދި ޗުއްޓީ ހޭދަކުރަނީ ކޮންތަނެއްގައިތޯ މިފަދަ ކަންކަމަކީ ފޭނުން އަބަދުވެސް ބަލާ ކަންކަމެވެ. ނަމަވެސް ގިނަ ތަރީންނާ ބެހޭގޮތުން ހިތުގައި އުފެދޭ އެއް ސުވާލަކީ، އަދި ގިނަ ސެލެބްރިޓީން ސިއްރުކުރާ އެއް ކަމަކީ، އެމީހުންގެ ހަންގަނޑު އެހާ ރީތި ވަނީ ކިހިނެއްވެގެންކަމެވެ. ބޮލީވުޑް ތަރީން އިންޓަވިއުތަކުގައި ދޭ ޖަވާބަކީ 'ގިނައިން ފެން ބުއިން' އަދި 'ހަންގަނޑު ތެތްކޮށް ބެހެއްޓުން' އެވެ.

އެކަމަކު އެކަމުން އެކަނި ފުދޭ ހެއްޔެވެ؟ މިހާރު އިންޓަނެޓުގައި ވައިރަލްވެފައިވާ އިންޓަވިއު ކްލިޕެއްގައި، ޝްރައްދާ ކަޕޫރު ބުނެފައިވަނީ އޭނާގެ ސްކިންކެއާ ރޫޓީނެއް ނެތް ކަމަށެވެ. ސްޓްރީ 2 ގެ މި ތަރި ހިއްސާކޮށްފައިވާ ގޮތުގައި އޭނާ ހަމައެކަނި ބޭނުން ކުރަނީ ފޭސް ވޮޝްއަކާއި މޮއިސްޗަރައިޒަރެކެވެ.

ނަމަވެސް، މީހުން މިކަން ގަބޫލެއް ނުކުރިއެވެ. މިހާރު ޝްރައްދާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އޭނާ އެބުނި ވާހަކައިން ހަނދާންވީ އެކްޓަރު އަދި ފެޝަން އައިކަން ސޯނަމް ކަޕޫރު އަހުޖާ އެވެ. އެއްފަހަރު އެކްޓަރުން 'ފުރިހަމަ' ގޮތުގައި ފެނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގެ ތެދު ވާހަކަ ސޯނަމް ކިޔައިދިނެވެ. ޝްރައްދާއަށް ފާޑުކިޔަމުން، ރެޑިޓް ބޭނުންކުރާ މީހަކު ބުނެފައިވަނީ، "ސޯނަމް ކަޕޫރަށް އަހަރެން އިހްތިރާމް ކުރަނީ އެހެންވެ، އޭނާ ތެދު ބުނޭ."

އެހެން ފޭނަކު ސޯނަމްއާއި އޭނާގެ ހިކުމަތްތެރި ބަސްތަކަށް ތައުރީފުކޮށް ލިޔެފައިވަނީ: "މިކަހަލަ ހިތްދަތި ވާހަކަތައް އަހާއިރު، އަހަރެންގެ ހިތަށް ވަގުތުން އަންނަނީ މީގެ އެތައް އަހަރެއް ކުރިން ސޯނަމް ކަޕޫރު ޕޯސްޓްކުރި ޕޯސްޓެކެވެ. އެ ޕޯސްޓްގައި އޭނާ ބުނެފައިވަނީ އޭނާ ރީތިކޮށް ހުންނަން ބޭނުންވާ ބައިވަރު މީހުން ތިބޭ ކަމަށާއި، އޭނާ ބޭނުންކުރަނީ އަގުބޮޑު ޕްރޮޑަކްޓްތައް ކަމާއި، އަދި އަހަރެމެންނަށް ފެންނަ އޭނާގެ ކޮންމެ ފޮޓޯއެއްގައި ވަރަށް މަތީ ފެންވަރެއްގެ ފޮޓޯޝޮޕް ހިމެނިފައިވާ ވާހަކައެވެ. މިފަދަ ގޮތަކަށް އެކްޓްރެސްއަކު ވާހަކަދެއްކުމަކީ ވަރަށް އާ އަދި ތާޒާ ކަމެކެވެ. 'ހަމައެކަނި މޮއިސްޗަރައިޒަރު، ހަމައެކަނި ފެން، ހަމައެކަނި ގަންގާ ފެން' ފަދަ ވާހަކަތަކާ ހިލާފަށެވެ."