ނިތޭޝް ތިވާރީ ޑައިރެކްޓުކުރާ "ރާމާޔަނަ" ފިލްމަށް ތައްޔާރުވުމަށް އިންޑިއާގެ އޮލިމްޕިކް ދުނިދަނޑި އެތުލީޓެއްގެ ކައިރިން 18 މަސްދުވަހު ތަމްރީނު ހޯދި ކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ. ފިލްމުގެ ފުރަތަމަ ބައި ލޮސް އެންޖެލިސްގައި ޕްރިމިއާކުރުމަށްފަހު "ރިވިއު ނޭޝަން"އަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ، ޝޫޓިން ފެށުމުގެ ދޮޅު އަހަރު ކުރިން ދުނިދަނޑި ޖެހުމުގެ ރަނގަޅު އުކުޅުތައް ދަސްކުރުމަށް އެ އެތުލީޓާއެކު މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ތަމްރީނު ދިން އޮލިމްޕިކް އެތުލީޓުގެ ނަން ރަންބީރުވެސް އަދި ފިލްމުގެ ޓީމުންވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ތަމްރީނުތަކުގެ ތެރެއިން، ދުނިދަނޑި ޖެހުމުގެ ހުނަރުގެ އިތުރުން، ކެރެކްޓަރުގެ ހަށިގަނޑުގެ ހަރަކާތްތަކާއި ނޭވާލުމުގެ ވައްޓަފާޅިއަށް ހާއްސަ ވޯކްޝޮޕްތަކެއްގައި ބައިވެރިވި ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ނިއުޔޯކުގައި ހުރި ދުވަސްވަރު އެ ސިޓީންވެސް ދުނިދަނޑި ޖެހުމުގެ ކްލާސްތަކެއް ނެގި ކަމަށް ރަންބީރު ފާހަގަކުރިއެވެ.

ދެ ބަޔަކަށް ބަހާލައިގެން އުފައްދާ މި ފިލްމުގައި ރަންބީރުގެ އިތުރުން ސާއީ ޕައްލަވީ، ޔަޝް، ސަނީ ދިއޯލް އަދި ރަވީ ދޫބޭ މުހިންމު ރޯލުތަކުން ފެނެއެވެ. އޮކްޓޫބަރު 27ގައި ލޮސް އެންޖެލިސްގެ އެކެޑަމީ މިއުޒިއަމް އޮފް މޯޝަން ޕިކްޗާސްގައި އަދި އޭގެ ފަހުން މުމްބާއީގައި ޕްރިމިއާކުރި މި ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް ނެރެނީ މިއަދުއެވެ. ހޮލީވުޑް ރިޕޯޓާ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަމިތު މަލްހޯތުރާގެ ޕްރައިމް ފޯކަސް ސްޓޫޑިއޯސް، ޑީއެންއީޖީ އަދި ޔަޝްގެ މޮންސްޓާ މައިންޑް ކްރިއޭޝަންސް ގުޅިގެން އުފައްދާ މި ދެ ފިލްމަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (4،000 ކުރޯޑު ރުޕީސް) ހަރަދުވާނެ ކަމަށް މަލްހޯތުރާ ލަފާކުރައްވާއިރު، ދެވަނަ ބައި ނެރުމަށް ހަމަޖައްސާފައިވަނީ 2027 ވަނަ އަހަރުގެ ދިވާލީގައެވެ.