ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ ޝަހުސިއްޔަތުގެ ހައްގުތައް ރައްކާތެރިކުރުމަށް ދިއްލީ ހައި ކޯޓުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު ޕުރުޝައިންދުރަ ކުމާރު ކައުރަވް ނެރުއްވި މި އަމުރުގައި، ބައްޗަންގެ ހުއްދަނެތި އޭނާގެ ނަމާއި، ސޫރައާއި، އަޑާއި، ސިފަތައް ވިޔަފާރީގެ އެއްވެސް ބޭނުމަކަށް ބޭނުންކުރުން ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ވަނީ މަނާކޮށްފައެވެ.
އިންޑިއާގެ ނޫސްތަކުގައި ވާގޮތުގައި، ސިވިލް ޕްރޮސީޖާ ކޯޑުގެ ދަށުން ކޯޓުން މި މައްސަލަ ނިންމީ، ބައްޗަންގެ ހުއްދަނެތި އޭނާގެ ސިފަތައް ބޭނުން ނުކުރުމަށް ދައުވާ ލިބޭ ފަރާތްތަކުން އެއްބަސްވެ ސުލްހަވުމުންނެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރު ރަޖަތު ނާގީ ހިމެނޭހެން، ވީޑިއޯ ކޯލް އެޕަކާއި، ޑޮމެއިންތަކަކާއި، ޕޯސްޓަރު ވިއްކާ ފަރާތްތަކެއްގެ އިތުރުން އޮންލައިންކޮށް އެ ހައްގުތަކަށް އަރައިގަންނަކަން ނޭނގޭ ފަރާތްތަކަކާ ދެކޮޅަށް ބައްޗަން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ނޮވެންބަރު 25، 2022 ގައި ފަނޑިޔާރު ނަވީން ޗާވްލާ ވަނީ ބައްޗަންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަގުތީ އަމުރެއް ނެރުއްވައިފައެވެ. އެ އަޑުއެހުމުގައި ބައްޗަންގެ ފަރާތުން ވަކާލާތުކުރެއްވި ގާނޫނީ ވަކީލު ހަރީޝް ސާލްވޭއާއި، އަމީތު ނާއިކް އަދި ޕްރަވީން އާނަންދު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލްކޮށް އަދި އެހެނިހެން ގޮތްގޮތުން ބައްޗަންގެ ނަމާއި އަޑު ދިޔައީ ނަހަމަ ގޮތުގައި ބޭނުންކުރަމުންނެވެ. އެކަމުގެ ސަބަބުން އޭނާގެ އަބުރަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށް އޭރުގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ސުލްހައިގެ އެއްބަސްވުމުގެ ދަށުން ބައެއް ފަރާތްތަކާ ގުޅޭ މައްސަލަ ނިމުނު ނަމަވެސް، ނުނިމި ހުރި އިޖުރާއަތްތަކާ ގުޅޭ ގޮތުން ކޯޓުން މީގެ ކުރިން ވަނީ ޝަރުތެއް ކަނޑައަޅާފައެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދައުވާލިބޭ ފަރާތްތަކާއެކު ސުލްހައިގެ އެއްބަސްވުން ފުރިހަމަ ނުވެ، ބާކީ ހުރި އެއްވެސް ކަމަކާ ގުޅިގެން މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބައްޗަން ބޭނުންވާ ނަމަ، އަންނަ ނޮވެންބަރު 16 ގައި ބާއްވާ އަޑުއެހުމަށް އޭނާ ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް އޮކްޓޫބަރު 9 ގައި ކޯޓުން ވަނީ އަންގައިފައެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ކޮމެންޓް