ކުރީގެ ލޯބިވެރިޔާއަށް އަނިޔާކޮށް އޭނާގެ ތުންފަތް ފަޅާލި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ނައިން ފްލާވާ، އީމާން މުހައްމަދު 28އ) އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ބަންދު އަމުރު ގައިވާގޮތުން އީމާން މުހައްމަދު ވަނީ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާމެދު މާރާމާރީ ހިންގައިފައެވެ. އަންހެން މީހާގެ ތުންފަތް ފަޅައިގެން ގޮސް، އިނގިލިތައް ރަތްވެ، ފައިގެ ފަލަމަސްގަނޑުގެ އެކި ތަންތަން ނޫފައިގެން ގޮސްފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

ބުރިކަށިވެސް ރަތްވެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އެ އަންހެން މީހާ ވަނީ އަނިޔާތަކަށް ފަރުވާ ހޯދައިފައިކަން ވެސް އެނގޭ ކަމަށެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އެ ހާދިސާ ހިނގިތުނުގައި ލޭ ވެސް ހުރި ކަމަށެވެ.