އާސަންދައިގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅުން ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާކަމަށް ނިންމައި އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދެއްވަން މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ނިންމަވައިފިއެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުމަށް ނިންމާފައި އޮތީ، އިދިކޮޅުން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅަން އޮތް ވަގުތުގައި މަޖިލިސް ރައީސް ވިދާޅުވީ، ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާތީ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ނުދޭން ނިންމެވީ ކަމަށެވެ.

އެ ކުއްލި މައްސަލާގައި ވަނީ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ހިދުމަތް ހޯދުމަށް ދާ މީހުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެއްދުމަށް ލިބެމުން އައި އާސަންދަ ހިދުމަތް ދިނުން ހުއްޓާލަމުންދާ ކަމަށާއި ބޭސް ސިޓީ އާއި ބޭސް ދޫކުރުމުގައި ލިބެމުން އައި އާސަންދައިގެ ހިދުމަތް ނުލިބި މިކަންކަމަށް އަމިއްލަ އަތުން ހަރަދު ކުރަން ޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައިވާ ގޮތުން، އިންޝުއަރެންސް ސްކީމް ހިންގުމަށް މާލީ ގޮތުން ދަތިވެއްޖެ ހާލަތްތަކުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން އެކަން ހައްލު ކޮށްދޭން ޖެހޭނެ ކަމަށް ކުއްލި މައްސަލާގައި ވެއެވެ.

އެހެންވެ، ދައުލަތުން ފައިސާ ދީގެން ހިންގަމުން އައިސްފައިވާ އެ ހިދުމަތް ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓާލަން ޖެހޭ ހިސާބަށް ދިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައިފައެވެ.