ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށް، ޕްރޮޖެކްޓް ނުފަށަނީސް މިދިޔަ އަހަރު އެ ޕްރޮޖެކްޓްގެ ފައިސާ އެ ފަރާތަށް ދިން މައްސަލައިގައި އެ ކުންފުންޏާއި، އާސަންދަ ކޮމްޕެނީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަކީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏެކެވެ.

އާސަންދައިގެ ފަރާތުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށެވެ. ސެޕްޓެމްބަރު، 2016 ގައި ހަވާލުކުރި މި ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާ އެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކޮށްފައި އޮތެވެ.

އެ ޕްރޮޖެކްޓް ނިންމަން ހަވާލުކުރީ 15 މަސްދުވަހުގެ މުއްދަތަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ޖޫން، 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދައިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ. އެކަމާ ގުޅިގެން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށްބުނެ ސަރުކާރާއެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކޮށްފައިވެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅަން ވެސް މީގެ ކުރިން އެ ކޮމެޓީން ވަނީ ނިންމައިފައެވެ.

ކޮމެޓީން އެގޮތަށް ނިންމުމާ ގުޅިގެން، އެ ކުންފުނިން ކޮމެޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ކޮމެޓީގެ އެ ނިންމުމާ ގުޅިގެން އެ ކުންފުންޏާ ގުޅޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަ ތަކުގެ ސަބަބުން ކުންފުނީގެ އަގު ވެއްޓި އޭގެ ގެއްލުން އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އެ ފައިސާއަކީ ސްކޭމުން ހޯދާފައިވާ ފައިސާއެއް ކަމަށް ދޭހަވާ ގޮތަށް އާއްމުންގެ ތެރޭގައި ވާހަކަ ދެކެވެމުންދިއުމަކީ ޒިންމާދާރުގޮތެއް ނޫން ކަން ފާހަގަކޮށް، އެ މައްސަލައިގެ މައުލޫމާތު ކޮމިޓީގައި ހިއްސާ ކުރުމުގެ ފުރުސަތެއް ދިނުމަށް އެ ކުންފުންނިން ކޮމެޓީގައި ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެކަމާބެހޭ މައުލޫމާތުތައް ސާފު ކުރުމަށް އެ ކުންފުނީގެ އިތުރުން އާސަންދަ ކުންފުންޏާއި، އެޗްޑީސީ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ. ކޮމެޓީން ވަނީ އެ ތިން ފަރާތް ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، އެ މެންބަރުންގެ ތެރޭގައި އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.