ސިޔާސީ ވިސްނުން އެއްކިބާކޮށް، ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

އެ ޕްލޭން އެކުލަވައިލުމުގެ މަޝްވަރާތައް ފެށުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މިއަދު ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭންގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށާއި ކޮންމެ ރަށަކުން އެކަމުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ޕްލޭންގެ މަސައްކަތުގައި ހުރިހާ ސިޔާސީ ފިކުރެއްގެ ކުދި ބޮޑު އެންމެން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުންވެސް އެ ޕްލޭންގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތައްވެސް މީގައި ބައިވެރިވުން އަޅުގަނޑު ބޭނުން. އަޅުގަނޑު ބޭނުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ސިޔާސީ ވިސްނުން ދޫކުރައްވާފައި މިއީ ގައުމީ މަސައްކަތެއް، ގައުމީ ތަރައްގީގެ ވާހަކަ މި ދައްކަނީ. ވިހި އަހަރު ދުވަހަށް، ވިހި އަހަރު ދުވަހަކީ ޖީލެއް. އެހެންވީމާ ޖީލެއްގެ ތަސައްވަރު އަޅުގަނޑުމެން ކަނޑައަޅަން މިއުޅެނީ. މިއީ ސިޔާސީ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް ތަރައްގީ ވެފައިވާ ގައުމެއްގެ ގޮތުގައި ހެދުން ކަމަށެވެ.

ރައީސް ވިދާޅުވީ، ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށްދާއިރު، ދުނިޔެއަށް އަންނަ ތަރައްގީވެސް ބަލައިގަންނަން ޖެހޭ ކަމަށާއި އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަކީ މިއަދުގެ ހަގީގަތްކަމަށާއި އެހެންކަމުން ތަރައްގީގެ ޕްލޭން ވާން ޖެހޭނީ އޭއައި އެންހޭސްޑް ޕްލޭނަކަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކީ، އެއް އަހަރު ދުވަހުގެ ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ނިންމާލުން ކަމަށެވެ.