މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތަށް ޗައިނާގެ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ އެކްސްޕާޓް ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

ޗައިނާގެ ޓީމުން މިއަދު ވަނީ މިނިސްޓްރީގެ ބޭފުޅުންނާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދު އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބައިވެރިވިއެވެ.

މިނިސްޓްރީން ބުނީ ޗައިނާގެ ހިލޭ އެހީގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސައިޓް ސާވޭ އާއި ޑޭޓާ ކަލެކްޝަންގެ މަސައްކަތް ޗައިނާގެ އެކްސްޕާޓް ޓީމުން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މާލޭގެ ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކޮށްގެން ހެދުމަށް އެތައް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރަން ރޭވިފައިވާ ކަމަށެވެ.

މުއްތަލިބް ވިދާޅުވެފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެ ބޮޑު މަޝްރޫއު ނިމުމުން ކަމަށެވެ. އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައިވަނީވެސް އުތުރު ފަރާތުން ސީވޯލް ބޭރަށް ޖައްސައި އެ މަގުވެސް ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.