އުރީދޫ މޯލްޑިވްސްއިން މިމަހު ބާއްވާ އަތޮޅު ދުވުން ކުޅެގެން އެއްވަނައަށް ދާ ފަރާތަކަށް އެލް މޯބައިލްއިން މޮގޫ ބޯލްޓް 700 ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ދިނުމަށް ހަމަޖެހިއްޖެއެވެ.

އުރީދޫން މިއަދު ބުނީ އަތޮޅު ދުވުމުގެ މިމަހުގެ ޕާޓްނަރުގެ ހައިސިއްޔަތުން އެލް މޯބައިލްގެ ފަރާތުން އެ އިނާމު ހުށަހެޅީ އެއީ އަގުހުރި އިނާމަކަށްވުމުން ކަމަށެވެ.

އަތޮޅު ދުވުމަކީ އުރީދޫން މިއަހަރު ތައާރަފުކުރި ގޭމެކެވެ. އެއީ ރާއްޖޭގައި އުފައްދައިފައިވާ ފުރަތަމަ ކެޝުއަލް ރަނާ ގޭމެކެވެ. އެ ގޭމުގައި 12 ލެވެލް ހިމެނޭ އިރު، ކޮންމެ މަހަކު އާ ލެވެލްގައި އާ ރަށަކަށް ދަތުރު ކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހުއެވެ. އަދި ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވެއެވެ.

އުރީދޫން ބުނީ އެ އާޓްވޯކް ގޭމުގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކޮންމެ މަހަކު އެ ގޭމު ކުޅެގެން ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އަގުހުރި އިނާމުތައް ލިބިގެންދާ ކަމަށް އުރީދޫން ބުންޏެވެ.

މިއަހަރުގެ ކަލަންޑާ އަދި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓުގެ ހުނަރުވެރި ޓީމަކުން ކަމަށް އުރީދޫން ބުންޏެވެ.