ކުރީގެ ރައީސް އަބުދުﷲ ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ، ޕީއެންއެފް އަކީ އިންތިހާބެއް ކާމިޔާބު ނުުކުރެވޭ، ރައްޔިތުންގެ ތާއީދު ނެތް، އަދި މިހާރު 3000 މެންބަރުންވެސް ހަމަނުވާނެ ޕާޓީއެއްކަމަށް ވިދާޅުވެ އެ ޕާޓީ އުވާލަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރިން ޕީޕީއެމް ހިންގެވިއިރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފަލާހު، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިންތިހާބުތަކުގައި ހޯދާ ކާމިޔާބީތަކަށްވެސް ސިޔާސީޕާޓީތަކަށް އާމްދަނީ ލިބޭގޮތް ހަދަން ޖެހޭ ކަމަށެެވެ.
އިލެކްޝަންސް ކޮމިޝަންގައި 10 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާ އިރު، ސިޔާސީގޮތުން ވަކާލާތުކޮށް އެންމެ ބޮޑަށް ބަސްބުނަން އޮތް، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަނީ އެންމެ ފަސް ސިޔާސީ ޕާޓީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތް ކަމަށްބުނެ، ރައީސް ޔާމީންގެ ޕީއެންއެފް އިން ހުރިހާ ގޮޑިތަކަށް ވާދަކުރި ނަމަވެސް އެންމެ ގޮނޑިއެއްވެސް ލިބިފައިނުވާ ކަމަށްވެސް ފަޅާހު ވިދާޅުވިއެވެ.
"އޭގެފަހުން ބައި އިލެކްޝަންތަކުގައި ވާދަކުރޭ ވަގަށް، އެންމެ ގޮޑިއެއްވެސް ނުލިބޭ، ތިންހާސް މެންބަރުން އަޅުގަނޑަށް ހަމަކުރެވިދާނެ ރ. އަތޮޅުން އެކިވެސް، 10 އަހަރުވާއިރުވެސް މެންބަރުން އިތުރުނުވަންޏާ އެއީ ސިޔާސީ ޕާޓީއެއް ނޫން، އެ ރަނގަޅުވާނެ މާލޫދު ޕާޓީ ކިޔަން،"
ފަލާހު ވިދާޅުވީ، ސިޔާސީ ޕާޓީއެއް ފަށަިއގަންނަން 3000 މެންބަރުން ތިބުން މައްސަލައެއް ނެތް ކަމަށެވެ.
ރައީސް ޔާމީނަށް ރައްޔިތުންގެ ވަރަށްބޮޑު ތާއީދެއް އޮންނަ ކަމަށް ވިދާޅުވާ އިރު، އެ ޕާޓީގައި މިހާރު 3000 މެންބަރުން ހަމަނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވިދާޅުވީ، ޕާޓީއަށް މެންބަރުން އިތުރުުކުރަން ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅުމަށްފަހު އެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަނުކުރެވޭ ޕާޓީތައް އުވާލެވޭގޮތަށް ގާނޫނު އިސްލާހު ކުރަންޖެހޭ ކަަމަށެވެ.
"މިސާލަކަށް އެ 3000 މެންބަރުން ތިބެގެން އެއް އަހަރު ނޫނީ ދެއަހަރު ދުވަހުގެ މުއްދަތެއް ކަނޑަޅާފަ، އެ ދެ އަހަރު ދުވަހުގެ ތެރެގައި މިސާލަކަށް 5000 މެންބަރުން ހަމަނުވަނިއްޔާ 6000 މެންބަރުން ހަމަނުވަނީއްޔޯ، މި އަދަދުތައް ކަނޑައަޅައި، އަދަދުތަކަށް ރީޗް ނުވެވެންޏާ ޕާޓީ އެބަޖެހޭ އުވާލަން، ކީއްކުރަން އިންތިހާބުތަކުގައި ވާދަކުނުކުރާ ރައްޔިތުންގެ ތާއީދެއް ނެތް ހަ މީހުންލައިގެން ޖަލްސާ ބާއްވާ ޕާޓީތައް ބައްވަނީ،"
ވަރަށް ގިނަ ބައެއްގެ ތާއީދު އޮތް ކަމަށް ރައީސް ޔާމީން ހީކުރައްވާ އިރު، އެމަނިކުފާނު އުފެއްދެވި ޕާޓީގައި މިހާރު 3000 މެންބަރުންވެސް ހަމަނުވާނެ ކަމަށް ވިދާޅުވެ އެޕާޓީއަށް ކިޔާ ނަމަށްވެސް ފަލާހު މަލާމާތްކުރެއްވިއެވެ.
"އަނެއްކާ އެ ޕާޓީއަށް ކިޔާ ނަން ބައްލަވާ، އިނިގިރޭސިބަހަށް ތަރުޖަމާކުރާ އިރު، އެ އަންނަ ނަން ބައްލަވާ، ނަންވެސް ކިޔަންވާނީ ރީތި ނަންނަން، އެކަހަލަ ނަންނަން އެއީ ނަންނަމެއް ނޫން އެއީ މަލާމާތްކުރަނީ އަޅުގަނޑުމެންގެ ދީނަށްވެސް،"
ފަލާހު ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާގައި 3000 މެންބަރުން ހަމަކޮށް ސިޔާސީ ޕާޓީ އުފެއްދުމަށްފަހު، ކަނޑައަޅާ ވަކި މުއްދަތެއްގައި، އެ މުއްދަތުގައި ޕާޓީއަށް މެންބަރުން އިތުރުކުރަންޖެހޭނެ ކަމަށް ކަނޑައަޅައި އެ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް ގާނޫނުގައި ހިމެނުމާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެެ.
"ރައީސްކަން ތިމަންނާ ކުރީމޭ ކިޔައިފަ، ހަތަރުމީހުން ލައިގެން ޕާޓީ ހަދައިގެން، ޕާޓީގެ ނާއިބު ރައީސަކަށް އަންހެނުން ލައިގެން ދަރިފުޅު ރައީސަކަށް ލައިގެން އަންހެންދަރިފުޅު ހަޒާންދާރަކަށް ލައިގެން ޕާޓީ ހިންގާ ޒަމާނެއްނޫން މީކީ،"
ޚަބަރު
ޚަބަރު
ޚަބަރު