މިވަގުތު ސެރެއާ އޭގެ އެއްވަނައިގައި އޮތް ނަޕޯލީ ކައިރިން ބޮޑު މޮޅެއް ހޯދުނު ނަމަވެސް، އެޓަލަންޓާއިން ލީގު ތަށްޓާމެދު ނުވިސްނާ ކަމަށް ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީ ބުނެފިއެވެ.
ނަޕޯލީގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ އެޓަލަންޓާއިން ނަޕޯލީގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އެޓަލަންޓާ ރޭ ހޯދި މޮޅާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއީ 11 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ވެނޭޒިއާ އަތުން 1-0 އިން މޮޅުވި އިރު، އެޓީމަށް ވަނީ 11 މެޗުން 24 ޕޮއިންޓް ލިބިފައެވެ. އަދިވެސް އެއްވަނައިގައި ނަޕޯލީ އޮތް އިރު، އެޓީމަށް ވަނީ 11 މެޗުން 25 ޕޮއިންޓް ލިބިފައެވެ.
އެޓަލަންޓާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އަޑެމޯލާ ލުކްމަން ޖެހި އިރު، އޭނާގެ ދެ ގޯލުވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. އަދި މެޗު ނިމެންދަނިކޮށް އެޓަލަންޓާގެ ތިންވަނަ ގޯލު ޖެހީ މަޓެއޯ ރެޓެގޫ އެވެ.
ރޭ ހޯދި ބޮޑު މޮޅާއެކު އުމުރުން 66 ކޯޗު ގަސްޕެރީނީއަށް ނޫސްވެރީން ވަނީ ލީގު ހޯދުމާ ގުޅޭ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ލީގުގައި ބާކީ އަދި 27 މެޗު އެބައޮތް ކަމަށާއި، ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ. ގަސްޕެރީނީ ބުނީ އެޓަލަންޓާއިން ލީގު ހޯދުމަށް ނުވިސްނާ ނަމަވެސް، އެގޮތަށް ނޫސްވެރިން ދެކޭނަމަ އެ ވިސްނުމަށް އިހުތިރާމު ކުރާ ކަމަށެވެ.
އޭގެ އިތުރުން ގަސްޕެރީނީ ބުނީ އެޓަލަންޓާގެ ސްކޮޑަށް އާ ކުޅުންތެރިން ބޭނުންވާ ކަމަށާއި، އެ ކުޅުންތެރިން މެޗުތަކަށް ރަނގަޅަށް ހޭނުމުން ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި މެޗު ޑިސިޕްލިން ހިފަހައްޓަން އުނދަގޫވާނެ ކަމަށެވެ. އެއީ ސްކޮޑު ސައިޒުގެ ބޭނުން ޔޫރަޕްގެ މުބާރާތްތަކުގައި ޖެހޭތީ ކަމަށްވެސް ގަސްޕެރީނީ ބުންޏެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ