ސިޔާސީ ޕާޓީތަކަށް ވަންނަ މީހުން ވަކި މުއްދަތެއް ކޮށްފައިނޫނީ ޕާޓީން ވަކި ނުވެވޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތްތައް ރާއްޖޭގައި ހިންގަން ބައެއް މެންބަރުން ދެކޮޅު ހެއްދެވިޔަސް، ގައުމަށް މި އަންނަ ބަދަލުތަކާއެކު ސިޔާސީ ޕާޓީތައް އިތުރަށް އުފެދި ސިޔާސީ ހަރަކާތްތައް ހިންގަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ރަނަގަޅު ގޮތުގައި ކަމަށާއި، އެކަންކަމުން ގައުމަށާއި، ރައްޔިތުންނަށް ފައިދާ ވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މައްސަލައަކީ ގައުމާއި ރައްޔިތުން އެކަހެރިކޮށް ޕާޓީގެ އިސް ވެރިއަކަށް ހުންނަ މީހާ، ސިޔާސީ ބޭނުމަށް ވެރިކަން ހޯދަން މަސައްކަތްކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ޝާހިދު ވިދާޅުވީ، ޕާޓީތައް ޖަވާބުދާރީ ކުރުމަށް، ގާނޫނީ ބާރު ބޭނުންކޮށްގެން ރެކިއުލޭޓްރީ ބޮޑީން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހަކީވެސް ޕާޓީތަކަށް ހިމާޔަތާއި ރައްކާތެރިކަން ދީ، އެ ދާއިރާގެ ތެރޭގައި ޕާޓީތަކަށް މަސައްކަތް ކުރެވޭގޮތް ހެދުމަށް ހުށަހެޅި އިސްލާހެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކަށް މީހުން ވަދެފަ، މިއަދު ވަންނަނީ މިއަދު ނިކުންނަނީ، މިވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް، ސިޔާސީ ޕާޓީއަށް ވަނުމަށްފަހުގައި އެ ސިޔާސީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރެއް، ދެއަހަރުވަންދެން އެ މެންބަރު ހުންނަން ޖެހޭ އިސްލާހެއްވެސް އައުމަކީ އަޅުގަނޑު އެދޭކަމެއް،" ޝާޙިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެކަންތައްތަކާމެދު ވާހަކަދައްކައި އެކަން ހައްލު ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހެނދުނު ސޮއިކުރީ ހަވީރު ޕާޓީ ބަދަލުކޮށް ސޮއިކުރަނީ، ރައްޔިތުންވެސް އެބަޖެހޭ ޒިންމާދާރުވާން،" ޝާހިދު ވިދާޅުވިއެވެ.