އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ނާއިބު މުގައްރިރަކަށް، އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް އިންތިހާބު ކޮށްފިއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ކޮމިޓީއެކެވެ. މިދިޔަ މަހުގެ 29 ގައި މަޖިލީހުން ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓްވެސް ދިރާސާކުރީ އެ ކޮމެޓީންނެވެ. އެހެންކަމުން ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އަހަން އުޅުނީ، އެއިރު ކޮމެޓީ ކުރިއަށްގެންދިޔަ ގޮތަށް ފަޒާދު އާއި ސަލީމް ހަމަ އެ މަގާމުގައި ތިއްބަވައިގެން ކޮމެޓީ ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެކަމަށް ދެކޮޅު ހައްދަވައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވައިލި ކޮމެޓީގެ މަސައްކަތް ނިމުމުން އެ ކޮމެޓީ އުވުނީ ކަމަށެވެ. އަދި 2025 ގެ ބަޖެޓް ދިރާސާކުރަން ކޮމެޓީން ފަށަނީ އާ މަސައަކަތެއް ކަމަށް ވިދާޅުވެ ކޮމެޓީއަށް އާ މުގައްރިރަކާއި ނައިބު މގައްރިރެއް ހޮވުމަށް ހުށަހެޅުއްވިއެވެ.
ގަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ކުރީގެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި އިންނަވައި، ފަޒާދަށް އެގޮތަށް ހުށަހެޅުމެއް ހުށަހެޅުއްވޭނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެެއީ އަދި އެ ކޮމިޓީއަށް މުގައްރިރަކު އިންތިހާބު ކޮށްފައި ނުވާތީ ކަމަށާއި، މުގައްރިރުގެ މަގާމަށް އާދެވޭނީ ނަން ހުށަހަޅައި އިންތިހާބު ކުރުމުން ކަމަށްވެސް ވިދާޅުވިއެވެ. މައްސަލައަކީ ފަޒާދު މުގައްރިކަމަށް ހޮވުމާއި، ނުހޮވުމުގެ މައްސަލައެއްނޫން ކަމަށާއި، މައްސަލައކީ އުސޫލާ އެއްގޮތަށް ކޮމެޓީ ކުރިއަށްގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތް ގަބޫލު ކުރައްވައި، ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުން އިދާރީ މޭޒުން ފެއްޓެވިއެވެ.
އެގޮތުން ބަޖެޓު ކޮމެޓީގެ މުގައްދިރަކަށް ފަޒާދުގެ ނަން ހުށަހެޅުއްވީ، މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ. ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.
ނައިބު މުގައްރިރަކަށް ސަލީމްގެ ނަން ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. ތާއީދު ކުރައްވީ އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ.
މި ބައްދަލުވުމުގައި ކޮމެޓީ މަސައްކަތް ކުރިއަށް ގެންދާނީ ސަޕްލިމެންޓްރި ބަޖެޓުގެ މަސައްކަތް ކޮމިެޓީން ކުރިއަށް ގެންދިޔަ އުސޫލުން ކަމަށް، އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދު ކުރައްވައިގެން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު