މޭޖާ ޖެނެރަލް، ރިޓަޔާޑް މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްތަކާއި، ހާއްސަކޮށް 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މޫސާ އަލީ ޖަލީލު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 1980 ވަނަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. އޭނާއަށް ވަނީ ޝަރަފުގެ ނިޝާނުގެ ގޮތުގައި، ނުވަ ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިހުލާސްތެރި ހިދުމަތުގެ ކުލައާއި، ސިފައިންގެ ހިދުމަތުގެ ކުލަ އަދި އަހުލާގީ ކުލަ ހިމެނެއެވެ. އޭގެ އިތުރުން ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ އަސްކަރީ އިސް ހިދުމަތްތެރިންގެ މެޑެލް، މަތިވެރި ހިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ.
މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަގާމާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ހިމެނެއެވެ. އަދި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.
މޫސާ އަލީ ޖަލީލަށް އެ އިއްޒަތް ރައީސް އެރުވީ ދިވެހިރާއްޖޭގެ އައްޒަތުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. މޫސާ އަލީ ޖަލީލަށް އިއްޒަތް އެރުވުމުގެ ކުރިން ރައީސްގެ ގަރާރު ވަނީ އިއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު