ގައުމުގެ ދިފާއުގައި ޝަހީދުވި ދިވެހީންގެ އާއިލާތަކަށް އަންނަ އަހަރު އެލަވަންސެއް ދޭން ފަށައި، އެ އާއިލާތަކަށް ހާއްސަ ހައުސިން މަޝްރޫއެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި އަށް ސިފައިންގެ ބޭކަލުންނާއި 11 އާންމު ރައްޔިތުންނާއެކު ޖުމުލަ 19 ދިވެހިން ޝަހީދުވެފައިވާ ކަމަށާއި 1979 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އެކިފަހަރުމަތިން ޝަހީދުވެފައިވާ މީހުން އަދަދު ހޯއްދަވާފައިވާނެ ކަމަށެވެ.

އެގޮތުން މިދިޔަ 40 އަކަށް އަހަރުގެ ތެރޭގައި އެކި ހާދިސާތަކުގައި ސިފައިންނާއި ފުލުހުންގެ ދެ މީހަކާއި އާންމުންނާއެކު ޖުމުލަ 29 މީހަކު ޝަހީދުވެފައިވާ ކަމަށާއި އެހެންނަމަވެސް ސަރުކާރަށް އެމީހުންގެ އާއިލާތަކަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ. ޝަހީދުވި މީހުންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދިން ނަމަވެސް، ފަހަކަށް އައިސް އެކަމަށް ވެސް ވަނީ ހުއްޓުމެއް އައިސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ބޮޑު ބޭއިންސާފެއް. އެހެންވީމާ ކުރިއަށްއޮތް ތަނުގައި މި އަންނަ އަހަރުން ފެށިގެން ޝަހީދުވި އާއިލާތަކަށާއި، އަދި ހަމައެއާއެކީގައި 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި، މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ ދިހަ ފަރާތް ހިމެނޭހެން، މި ހުރިހާ ފަރާތްތަކަށް ކަނޑައެޅޭ، ގެޒެޓުކުރެވޭ އުސޫލެއްގެ މަތިން ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލެވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝަހީދުވި އާއިލާތަކަށް ހާއްސަކޮށްގެން ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް މި ދައުރުގެ ތެރޭގައި އަޅައި ނިންމައި، އެ އާއިލާތަކަށް ހަވާލުކުރައްވާނެ ކަމަށެވެ.