ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ. ދިއްދޫ/ ފާގަތިގެ، އަހުމަދު ނަސީރު (45އ) އާއި ގއ. ކަނޑުހުޅުދޫ/ ނެސްޓް، އަލީ އައިހަމް (18އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮހަމާން (29އ) އެވެ.
ފުލުހުން ބުނީ، މި ތިން މީހުންގެ ތެރެއިން ނަސީރު ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
އަނެއް ދެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި މާލެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު، 5.9 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނަސީރު ފަސް ދުވަހަށް، އައިހަމް 10 ދުވަހަށް އަދި ރޮހަމާން ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު