ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ ހަރަދު، އެ ގެނައި ފަރާތަކުން ދޭންޖެހޭ ގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާގައި އެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތުގެ އިތުރުން ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަމަށެވެ.

ގަވާއިދަށް އަލަށް ގެނައި އިތުރު އިސްލާހެއްގައި ބުނެފައިވަނީ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ފިޔަވައި އެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަމަށެވެ. ގަވާއިދާ ހިލާފަށް ހުންނަ ދުންފަތުގެ ބާވަތްތައް ތަކެތި ނައްތާލުން ފަދަ ކަންކަން ކުރާނީ ވެސް އެޗްޕީއޭ އިން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް އިންސްޕެކްޓް ކުރަނީ އިކޮނޮމިކް މިނިސްޓްރީން ނުވަތަ ފުލުހުންގެ ފަރާތުން ކަމަށްވާނަމަ، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އެ އިންސްޕެކްޝަނެއް ކުރި ފަރާތަކަށް ލިބިގެންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށްފި ނަމަ، އެ ޖޫރިމަނާ ކުރި އިދާރާއަކުން އެޗްޕީއޭއަށް އެކަން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންނުވާ ގޮތެއްގެ މަތީން ދުންފަތުގެ ބާވަތްތައް ނައްތައިލުމަށް ހިނގާ ހަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތުން، ކަސްޓަމްސްއަށް ދައްކަންވާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ހިފަހައްޓައި، އެ ތަކެތި ކަސްޓަމުގެ ބެލުމުގެ ދަށުގައި ހުންނައިރު ހިނގާ ހަރަދުވެސް އެތެރެކުރި ފަރާތަކުން ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ޕޯސްޓު މެދުވެރިކޮށް ނުވަތަ ކުރިއާ މެދުވެރިކޮށް ނުވަތަ އޯޑަރު ކޮށްގެން ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް، ޝަރުތުތައް ފުރިހަމަ ނުކޮށް ރާއްޖެއަށް އެތެރެކުރާ ހާލަތުގައި، އެ ތަކެތި އެތެރެކުރި ފަރާތް، ޖޫރިމަނާކުރުމަށްފަހު އެ މުދަލެއް ނައްތައިލުމުގެ ބާރު، ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

ނަމަވެސް ޕޯސްޓް ނުވަތަ ކުރިއާ ސާވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކާއި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ދަތުރުވެރީން އަމިއްލަ ފަރުދުންގެ ނަމުގައި އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.