ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން ދައްކާލައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި އެ ހަރަކާތް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވެސް ހަރަކާތް ބެލުމަށް އެ ސަރަހައްދަށް އެއްވެ ތިއްބެވެ.
ނޮވެމްބަރު 3، 1988 ގެ ކުރިން ސިފައިން އޮތް ހާލަތާއި މިހާރު އޮތް ހާލަތު ޕްރެޒެންޓޭޝަނަކުން ވަނީ ދައްކާލައިފައެވެ. އޭރު ސިފައިން ހަރަކާތްތެރިވެފައިވަނީ ހަމައެކަނި މާލޭގެ ތޮށިން އެތެރޭގައެވެ. ސިފައިންގެ މަރުކަޒެއްގެ ގޮތުގައި އޭރު ހުންނަނީ ވެސް ހަމައެކަނި ބަންޑާރަކޮއްޓެވެ. އޭރު ބަޑި ޖަހަން ދަސްކޮށްދެނީ ހަމައެކަނި ޓާސްކްފޯސްގެ އޮފިސަރުންނަށް ކަމަށްވާ އިރު، ތަމްރީނުކުރެވިފައިވަނީ ވެސް މަދު އޮފިސަރުންތަކެކެވެ.
އޭރު ސިފައިންގެ ތެރޭގައި ހަތިޔާރު ހުއްޓަސް، އެ ބޭނުންކުރަން އެނގެނީ މަދު އޮފިސަރުންތަކަކަށެވެ. އަދި ނޮވެމްބަރު 3 ގައި ބޭރުގެ ބަޔަކަށް ރާއްޖެއަށް އެތެރެވެވިފައިވަނީ އޭރު ކަނޑުގެ ސަރަހައްދު ބެލޭނެ އެއްވެސް ގޮތެއް ނެތުމުންކަން ޕްރެޒެންޓޭޝަންގައި ވަނީ ފާހަގަކޮށްފައެވެ.
ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ހަމަލާއަކީ ފިލާވަޅެއް ކަމަށް ދެކި، ސިފައިން ތައްޔާރުކޮށް ތަރައްގީގެ މަސައްކަތް ފެށުނީ އެ ހިސާބުންނެވެ. މިހާރު ތަމްރީނުތައް ދެވި، އެއްގަމާއި ވައިގެ މަގުން ސިފައިން ހަރަކާތްތެރިވެއެވެ. ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މިއަދު ވެސް ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެއާކޯ ބެލުމުގެ ދަށުން ޑްރޯންތަކުން މިހާރު އެކަމަށް ފަސޭހަތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރިއެވެ. އަދި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށް މިހާރު ހާއްސަ ފޯސްތަކެއް އުފެއްދިފައިވާކަން ވެސް ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެއެވެ.
އެ ހަރަކާތްތަކުގެ ތެރެއިން ދެން ދައްކާލާފައިވަނީ ސިފައިންގެ އަސްކަރީ ހުށަހެޅުމެވެ. އެ ހުށަހެޅުމުގައި ސިފައިން ދައްކާލާފައިވަނީ ޓެރިސްޓް ހަމަލާއަކުން ސަލާމަތްވުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ މަންޒަރެވެ. ބޭރުގެ ބަޔަކާ ގުޅިގެން ދިވެހިންތަކެއް ދޭން މަސައްކަތްކުރި ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހޯދާފައިވަނީ ޑްރޯންތަކުން ކަން ހުށަހެޅުމުގައި ދައްކާލިއެވެ. އެއާއެކު އޮޕަރޭޝަން ކުރިއަށްގެންދިޔައީ ކޯސްޓްގާޑާއި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު އަދި ސްޕެޝަލް ފޯސަސް ގުޅިގެންނެވެ.
އެ ހުށަހެޅުމުގައި ކޯސްޓްގާޑުގެ ދައުރެއްގެ ގޮތުގައި ދައްކާލާފައިވަނީ ކަނޑުމަގުން ޓެރަރިސްޓުންގެ ބޯޓުތައް ހިފެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. އެގޮތުން އެ އޮޕަރޭޝަންގައި ކޯސްޓްގާޑުން ކަނޑުއަޑިން މަސައްކަތްކޮށް، ބޯޓުގައި ގޮވާ ތަކެތި ހަރުކުރާ މަންޒަރު ދައްކާލިއެވެ.
އެއްގަމުން ޓެރިރިސްޓުންތަކަކަށް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު ކުރިމަތިލާ މަންޒަރު ވެސް ހުށަހެޅުމުގައި ދައްކާލިއެވެ. އެ ގްރޫޕުން ޓެރިރިސްޓުންނަށް ހަމަލާދިނުމަށް ވަނީ ބަޑި އާއި ގޮވާތަކެތި ވެސް ބޭނުންކޮށްފައެވެ. އޭގެ އިތުރުން މާލޭގެ ފަޅުތެރޭގައި އޮތް ޓެރަރިސްޓުންގެ އުޅަނދެއް ވެސް ގޮއްވާލާ މަންޒަރު ދައްކާލިއެވެ.
އެ އޮޕަރޭޝަންގެ ފަހު ހަރަކާތެއްގެ ގޮތުގައި ދައްކާލީ ބަހެއްގައި ދަތުރުކުރަމުންދިޔަ ދިވެހިންތަކެއް ރަހީނުކުރުމުން، ސްޕެޝަލް ފޯސަސް އިން ކުރި މަސައްކަތްތަކެވެ. އެގޮތުން ސްޕެޝަލް ފޯސަސްގެ އެ މަސައްކަތުގެ ތެރޭގައި ވަނީ ގޮވާތަކެއްޗާއި ބަޑި ބޭނުންކޮށްފައެވެ. އަދި އެ ފޯސްގެ ކޮމްބެޓް އުކުޅުތައް ވެސް ދައްކާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު