ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުއްވައިދެއްވައިފިއެވެ. އެ މަނިކުފާނު މި މައުރަޒު ހުޅުއްވައިދެއްވީ އެކަމަށްޓަކައި ހާއްސައްކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުއްވައިދެއްވުމަށްފަހު އެ މަނިކުފާނު ވަނީ މި މައުރަޒު ބައްލަވައިލައްވައިފައެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަސްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.
މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ މަންޒަރު ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރި އަސްލު ބައެއް ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.
ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައެވެ. މި މައުރަޒު އާންމުންނަށް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 1200 އަށް، މެންދުރުފަހު 1400 އިން 1800 އަދި ރޭގަނޑު 2000 އިން 2200 އަށެވެ.
ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ސިފައިންގެ އިސްވެރީންނާއި ވަޒީރުން އަދި ދައުލަތުގެ ބައެއް އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ނަސްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާއަތުގައި ކުރެއްވި ފަތިސް ނަމާދުންނެވެ. އެއަށްފަހު ރައީސްގެ ދެކަނބަލުން ވަނީ 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު