އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ކުޅުނު މެޗުގައި ނިއުކާސަލް ކައިރިން ބަލިވެއްޖެއެވެ.

އާސެނަލް އިން ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތްއިރުވެސް އާސެނަލްގެ ލީގު ފޯމު އޮތީ ދަށްކޮށެވެ. އެގޮތުން އެ ޓީމުން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުގައިވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާސެނަލް މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓާއެކުގައެވެ.

އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ލިވަޕޫލް އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ. މިރޭ ލިވަޕޫލުން އަދި ސިޓީން ކުޅޭ މެޗުންވެސް މޮޅުވެއްޖެނަމަ، އެ ދެ ޓީމު ހަމަކުރަންވެސް އާސެނަލް އަށް އިތުރު މަސައްކަތްތަކެއް ކުރަން މަޖުބޫރުވާނެއެވެ.

މިދިޔަ ދެ ސީޒަނުގައިވެސް ލީގު ތާވަލުގެ ދެވަނައިގައި ނިންމާލި އާސެނަލަށް މި ފަހަކަށް އައިސް އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ އިރު، މިރޭގެ މެޗަށްވެސް އާސެނަލް ނުކުންނަން ޖެހުނީ ކެޕްޓަން މާޓިން އޮޑިގާޑް ނުލައެވެ. އޭގެ އިތުރުން މި ސީޒަނަށް ގެނައި ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީވެސް މި ވަގުތު ހުރީ އަނިޔާގައެވެ.

މިރޭ މެޗުގެ 12 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ އާސެނަލް ކޮޅަށް ގޯލު ޖަހައިފައެވެ. އެއީ އާސެނަލްގެ ފަހަތުން ރަނގަޅަށް ބޯޅަ ސާފުކޮށް ނުލެވިގެން އުޅުމުގެ ތެރޭގައި ފަހިވި ފުރުސަތަކުން އެލެކްސެންޑްރާ އިސާކް ޖެހި ގޯލެކެވެ. ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ އެންތޮނީ ގޯޑޮންއެވެ.

އާސެނަލް އިން ފުރަތަމަ ހާފުގައި އެއްވަރުކުރެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވެ، ދެވަނަ ހާފުގައި ކޯޗު މިކޭލް އާޓެޓާ ވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. އީތަން ވަނޭރީއާއި ގެބްރިއަލް ޖީސަސްވެސް އެޓޭކަށް ނެރެފައިވާ އިރު، އާސެނަލްގެ ހަމަލާތައް ފެނުނީ މަދުކޮށެވެ.

ޑެކްލަން ރައިސް ބޮލުން ފޮނުވާލި ހަމަލާއެއް ފިޔަވާ އިތުރު ނުރައްކާތެރި ހަމަލާއެއް ފެނިފައި ނުވާއިރު، އާސެނަލް ކައިރިން މޮޅުވެ ނިއުކާސަލް ވަނީ ލީގު ތާވަލުގެ އަށް ވަނައަށް ޖެހިލައިފައެވެ. އެއީ 10 މެޗިން 15 ޕޮއިންޓާއެކުގައެވެ.