ހަމައެކަނި އިޓަލީ ފުޓުބޯޅައިގެ ނަމެއް ނޫނެވެ. ދުނިޔޭ ފުޓުބޯޅައިގެވެސް އެންމެ ޝަރަފުވެރި އެއް ކްލަބަކީ ޔުވެންޓަސްއެވެ. މީގެ 127 އަހަރު ކުރިން އުފެދިގެން އައި ޔުވެންޓަސްއަކީ ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ކާމިޔާބު ކްލަބެކެވެ. އެތައް ލެޖެންޑަރީ ކުޅުންތެރިންގެ ނަންތައްވެސް ފާހަގަވެފައިވާ ފުޓުބޯޅައިގެ ގަދަ ބާރެކެވެ.

ޔުވެންޓަސްގެ އެ ޝަރަފުވެރިކަމުގެ ތާރީހު މާ ބޮޑަށް އޮޅުންފިލުވައިދޭކަށް ނުވެސް ޖެހޭނެއެވެ. އެ ކްލަބުގެ ތާރީހާއި ސަގާފަތަކީ ދިވެހީންނާވެސް ނުހަނު ގުޅިފައި އޮތް ތާރީހެކެވެ. ޔުވެންޓަސްގެ ސަޕޯޓަރުން ރާއްޖޭގައިވެސް ތިބޭނެއެވެ. ރާއްޖެއަކީ މީގެ 15 ވަރަކަށް އަހަރު ކުރިންވެސް އިޓަލީ ފުޓުބޯޅަ ބަރާބަރަށް ބަލަމުން އައި ގައުމެކެވެ. ހާއްސަކޮށް އިޓަލީ ލީގު އެންމެ ވަރުގަދަވެގެން ދިޔަ ޒަމާނުގައި ރާއްޖެއަށް އެ ލީގުގެ މަގުބޫލުކަން އޮތީ ބޮޑުވެފައެވެ.

ދިވެހީންނާ އެ ކްލަބު އަދި އިޓަލީ ލީގުވެސް ގުޅިފައި އޮތް ގުޅުމުގެ ތެރެއިން، މިއަހަރު އެ ކްލަބުގެ އަހަރީ ދުވަހަށް ދިވެހިރާއްޖެ ހާއްސައެވެ. ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ދުނިޔެއިން ހޮވާލެވޭ ތިން ފުޓުބޯޅަ ދަނޑެއްގައި ކުރިއަށްގެންދަން އެ ކްލަބުން ވަނީ ނިންމައިފައެވެ. އެ ހަރަކާތްތަކުގައި ބައިވެރިވާނެ ނަސީބުވެރިން ހޮވަން މިހާރު ސައިޓްގައި ރަޖިސްޓްރީ ކުރަން ހުޅުވާލާފައިވާ އިރު، ހަރަކާތްތައް އަމާޒުކޮށް ހިންގާ ތިން ދަނޑުގެ ތެރެއިން އެއް ދަނޑަކީ އދ. މަހިބަދޫގެ ޕެލޭ ސްޓޭޑިއަމެވެ.

މަހިބަދޫ ދަނޑުގެ ހާއްސަކަމަށް ލިބުނު ބޮޑު ޝަރަފެކެވެ. އެ ކްލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮމޯޝަލް ގިނަ ވީޑިއޯތަކަކާއެކު ދަނޑުގެ ހިތްގައިމުކަން މުޅި ދުނިޔެއަށް ފެނިގެންދާނެކަން ޔަގީނެވެ. ހަގީގަތުގައި ރާއްޖެއަށް ލިބިގެން ދިޔަ ބޮޑު ޝަރަފެކެވެ. ދިވެހީންގެ އޮތް ފުޓުބޯޅަ ލޯތްބަށް ލިބުނު އުފަލެއްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެޅިގެންދިޔަ ހެޔޮ ފާލެކެވެ. ހާއްސަކޮށް ކުޅިވަރުގެ ތެރެއިން ފަތުރުވެރިންނަށް ޝައުގުވެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް ޔުވެންޓަސްގެ ހަރަކާތް ބާރު ދޭނެއެވެ.

"މިކަމަކީ މުޅި ރާއްޖެއަށް އަދި ހާއްސަކޮށް މަހިބަދުއަށް ލިބޭ ބޮޑު ޝަރަފަކަށްވެފައި، އަޅުގަނޑު ދެކެމުންދާ 'ސްޕޯޓްސް ޓުއަރިޒަމް' ގެ ހުވަފެނުގައި ކުލަޖެހޭނެ ކަމަކަށްވާތީ، މަހިބަދޫގެ އެންމެހައި ލޯބިވާ ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކުން އަޅުގަނޑަށް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަން،" ޔުވެންޓަސްއާއެކު ރާއްޖެއަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރި މަހިބަދޫގެ މުހައްމަދު ނައުޝާދު (ނަޓީ) ބުންޏެވެ.

ނަޓީގެ މަސައްކަތަކީ މިއަދު ފެށުނު މަސައްކަތެއް ނޫނެވެ. މީގެ ކުރިންވެސް ފުޓުބޯޅައިގެ ތެރޭގައި އުޅެމުންދާ ނަޓީގެ އެތައް ވީޑިއޯއަކަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހާއްސަކޮށް ރާއްޖޭގެ ދަނޑުތަކުގެ ތަފާތުކަމާއި، ޖަޒީރާވަންތަކަމުގެ އިތުރުން، ދޮންވެލީގެ ހިތްގައިމުކަން ދަނޑުތަކާ ގުޅޭ ގުޅުންތައް ނަޓީގެ އެކިއެކި ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެންދެއެވެ. އެ މަންޒަރުތަކަށް ދުނިޔޭގެ ބޮޑެތި އެތައް ޕީއޭރް ޕޭޖުތަކެއްގެ ސަމާލުކަންވެސް ހުއްޓި، ނަޓީ ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަވެގެން ގޮސްފައެވެ. އަދި ރާއްޖޭގެ ހިތްގައިމުކަން އިޝްތިހާރު ކުރުމުގައި އޭނާ ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގެންފައިވެއެވެ.

"މިއީ އަހަންނާ ޔުވެންޓަސްއިން ކޮންޓެކްޓް ކޮށްގެން އެމީހުން ހުށަހެޅި ހުށަހެޅުމެއް. ދަނޑުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަކުން އެމީހުންވެސް ޝައުގުވެރިވެގެން، އެ ފުރުސަތު ދިނީ. ދެން ކައުންސިލްގައި މަސައްކަތް ކުރަމުންދިޔުމާވެސް އެކު، އެ މަސައްކަތް މިކުރެވުނީ ހަމަ ކައުންސިލާވެސް ގުޅިގެން. މިއީ ހަގީގަތުގައި މަހިބަދުއަށް އެކަން ލިބުނު ފުރުސަތެއް ނޫން، މިއީ ރާއްޖެއަށް ލިބުނު ރަނުގެ ފުރުސަތެއް،" ނަޓީ ބުންޏެވެ.

ޔުވެންޓަސްއިން އަހަރީ ދުވަހުގެ ހަރަކާތްތައް ފާހަގަކުރުމަށް އިވެންޓުތައް ހިންގަން ރާވާފައިވާ ތިން ދަނޑަކީ މަހިބަދޫ ދަނޑުގެ އިތުރުން، އެމެރިކާގެ ނިއު ޔޯކް ސިޓީގެ ދަ ގްރައުންޑް އަދި ޑެންމާކުގެ ފާރޯ އައިލެންޑްގެ ދަނޑު އުއްޕީ އޭ ބްރެކޫގައެވެ. އެކްސްޓްރީމް ފީލްޑްސްގެ ނަމުގައި ހިންގަމުންދާ ހާއްސަ ކެމްޕޭނުގެ އިވެންޓުތަކުގައި ބައިވެރިވާން ފުރުސަތު ހޯދުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ޑިސެމްބަރު މަހު އެކެއްގެ ނިޔަލަށެވެ. ޔުވެންޓަސްގެ ވެބްސައިޓް މެދުވެރިކޮށް ހިލޭ ރަޖިސްޓްރީ ކުރެވޭ ކެމްޕޭނުގެ ހަރަކާތްތައް އަންނަ އަހަރު ތެރޭގައި ކުރިއަށްދާނެއެވެ. އެކަމަށް ނަޓީއާއެކު ޔުވެންޓަސްއިން ދަނީ އިތުރަށް މަޝްވަރާތައްވެސް ކުރަމުންނެވެ.

ނަޓީގެ މަސައްކަތަކީ މީހަކަށް ބަރޯސާ ނުވެ، އަމިއްލައަށް ވަގުތު ހުސްކޮށްގެން ކުރާ ބުރަ މަސައްކަތެކެވެ. ރާއްޖޭގެ ރީތި ދަނޑުތައް ބައިނަލްއަގުވާމީ މައިދާނަށް ނެރެދީ، އޭނާ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ދަނީ ކުޅިވަރުގެ ޓޫރިޒަމަށް ވިސްނާ ދުރު ވިސްނުމެއްގައެވެ. ދިވެހިރާއްޖޭގެ ނަލަކަން ކުޅިވަރު ދާއިރާއަށް ތައާރަފުކޮށްދީ، ރާއްޖޭގެ ސްޕޯޓްސް ޓުއަރިޒަމް އިތުރު ހަރުފަތަކަށް ދިއުން އެއީ ނަޓީގެ ބޮޑު އުންމީދެކެވެ. މިއީ ރާއްޖެއަށް ސްޕޯޓްސް ޓުއަރިޒަމް ގެނެސް، ފުޅާކުރުމުގެ ހުވަފެނަށް ހަގީގީ ފެށުމެކެވެ.