އދ. މަހިބަދޫ ކައުންސިލުގެ ނައިބު ރައީސަކު ހޮވުމަށްޓަކައި، ކައުންސިލްގެ މެމްބަރުންގެ މެދުގައި ހަ ފަހަރަށް ވޯޓަށް އަހައިގެން ވެސް ނުހޮވުމުން، ކައުންސިލްގެ މަސައްކަތްތައް ހުއްޓިއްޖެއެވެ.

ކައުންސިލްތަކުގެ އާ ދައުރަށް އިންތިހާބުކުރި ކައުންސިލަރުން ހުވާކުރީ އިއްޔެއެވެ. ގާނޫނުގައިވާ ގޮތުން މެންބަރުން އިންތިހާބުވުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލަށް ނައިބަކު ހޮވަން ޖެހެއެވެ. ކައުންސިލްގެ މަސައްކަތްތައް ފެށޭނީ ނައިބު ރައީސް ހޮވުމަށްފަހުއެވެ.

މަހިބަދޫ ކައުންސިލުން ބުނީ މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަަމަށް ތިން ބޭފުޅަކު ވާދަ ކުރައްވާ ކަމަށެވެ. އެއީ އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ މެމްބަރު މުހައްމަދު މައުމޫން އަދި އަމިއްލަ މެމްބަރު ބުންޏާމީން ހަސަންއެވެ.

އެގޮތުން ނައިބު ރައީސް ހޮވުމަށް ފުރަތަމަ ނެގި ވޯޓުގައި ޒައީމާ މުހައްމަދަށް ދެ ވޯޓު އަދި މުހައްމަދު މައުމޫނަށް ވެސް ދެ ވޯޓު އަދި ބުންޏާމީން ހަސަން އަށް ލިބުނީ އެއް ވޯޓެވެ. ވޯޓު އެއްވަރު ވުމުން، އިތުރަށް ނެގި ފަސް ފަހަރު ވެސް ވަނީ ވޯޓު އެއްވަރުވެފައެވެ.

އެގޮތުން ޒައީމާއަށް ދެ ވޯޓު އަދި މައުމޫނަށް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، ނަތީޖާ ނުނެރެވުނީ ބާތިލު އެއް ވޯޓުގެ ސަބަބުންނެވެ.

ކައުންސިލަށް ނައިބު ރައީސަކު ކު ނުހޮވި، މަސައްކަތްތައް ހުއްޓިފައި އޮތުން، އަލުން ނައިބަކު ހޮވުމަށް މިއަދު މެންދުރު 1:00 ގައި ވޯޓަށް އަހަން ވަނީ ނިންމައިފައެވެ.