ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، އިއްޔެގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ.

"ހަމަ އެއާއެކު ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމް ކުރުމަށް ކެބިނެޓުން މިހާރު ވަނީ ނިންމާފައި. މިނިޒާމަށް ވަރަށް އަވަހަށް އަމަލު ކުރަން ފަށާނެ،" ހީނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންތަކެއް ވަކިކޮށްފައި މިވަނީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކިކުރުމަށް އަންގަވާފައިވާ ކަމަށް ރައީސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް އޭރު ވިދާޅުވި ގޮތުގައި ވަކިކުރަން ނިންމެވި ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑައިރެކްޓަރުން ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ، އެ ބޭފުޅުން ވަކިކުރުމުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ވެސް ރައީސް ވަނީ ނިންމަވައިފައެވެ.

އޭގެ އިތުރުން އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަންގަވާ ގޮތަށް ހަމަޖައްސަވަން ދެންނެވުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.