ދައުލަތުގެ އިދާރާތަކުގެ ތެރޭ ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އަންނަ ހަފުތާގެ ތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މި ފެށޭ ހަފުތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަކީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާ ގުޅޭ މާއްދާއެވެ.
ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން، ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދަމަހައްޓާފައިވުމަކީ ކުށެކެވެ.
ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުން ނުވަތަ މިލްކުކުރުން ނުވަތަ އެއިން ފަރާތެއްގެ ކޮންޓްރޯލުގެ ދަށުގައި ބެހެއްޓުމަކީ ވެސް ގާނޫނުން ކުށެކެވެ.
އެ މާއްދާގެ ކުށް ކަނޑައެޅުމުގެ ބައިގައި، އެއްވެސް މީހެއްގެ ނަމުގައި، ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއް ކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން މުދާ ނުވަތަ ފައިސާ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދި މުދަލެއްކަން ނުވަތަ ފައިސާއެއްކަން ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަން އެމީހަކަށް އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށްނުދެވުން ވެސް ހިމެނެއެވެ.
އެ މާއްދާގެ ދަރަޖަކުރުމުގެ ބައިގައި ބުނެފައިވަނީ، ކުށެއް ކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތަކުން ކަމުގައިވާ ނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެއީ ދިހަ އަހަރުގެ މުއްދަތަކަށް ޖަލަށް ޖުލެވެ. އަދި އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާ އިރު، އެއީ ތިން އަހަރާއި ހަ އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ މާއްދާގެ ފަހަތުން އަންނަ 516 ވަނަ މާއްދާއަކީ ދައުލަތުގެ މުދަލާއި ފައިސާ ހިޔާނާތްތެރިވުމުގެ ކުށާ ގުޅޭ މާއްދާއެވެ. އެ ކުށަކީ ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު