ރާއްޖެއަކީ އާޓިފިޝަލް އިންޓެލިޖެންސުގެ ދާއިރާއިން އެންމެ ކުރިއަރައިފައިވާ އެއް ގައުމަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ އިގުތިސޯދުގެ ޖީޑީޕީގެ 15 ޕަސަންޓަކީ ޑިޖިޓަލް އިގުތިސޯދަށް ހެދުން ކަމަށެވެ. އެކަން ކުރުމުގެ ގޮތުން ރާއްޖެއަށް ކްރިޕްޓް އާއި ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ތެރެއިން އަޅުގަނޑުމެންގެ ގައުމު ވެގެންދާނީ ވަރަށް ބޮޑަށް ދުނިޔޭގެ މައިދާނުގަ އަދި އަމުދުން މިކަހަލަ ކުޑަ ގައުމަކަށް ބަލާއިރު އެންމެ ކުރީ ސަފުގަ ލީޑް ކުރާ ގައުމަކަށް. އެއީ އަޅުގަނޑުމެންގެ އެމްބިޝަން، ނަތީޖާ. އަޅުގަނޑަށް މުހިންމީ ނަތީޖާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ނަތީޖާ ހާސިލު ކުރެއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އެދެނީ ގައުމީ ވިސްނުމުގައި ނަތީޖާ ނެރެދިނުމުގައި މަސައްކަތުގައި ބައިވެރިވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު