މި ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ދިވެހި ރައްޔިތުން ގެދޮރުވެރިކުރުވާނެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓް މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ އެކި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލަ ކަމަށެވެ. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސްގެ މި ތަސައްވުރާ އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

"ގެދުރޮވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާ އެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަދި ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް 15 ބުރިއަށް ހެދުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާ އެކު އެތަންތަން ތަރައްގީ ކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.