ލިވަޕޫލާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރި ކޯޗު ޔާގަން ކްލޮޕް، މަގުބޫލު އެނާޖީ ޑްރިންކް ބްރޭންޑް ރެޑް ބުލްގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމާ ހަވާލުވި ހަވާލުވުން ދިފާއުކޮށްފިއެވެ.

އުމުރުން 57 އަހަރުގެ ޖަރުމަނު ކޯޗު ކްލޮޕް ރެޑް ބުލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުއެވެ. ކްލޮޕް ފުޓުބޯޅައިގެ ޑިވެލޮޕްމެންޓް މަސައްކަތަކާ މިފަހަރު ހަވާލުވެފައި ވަނީ ގާތްގަނޑަކަށް 25 އަހަރު ދުވަހު ކްލަބުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ.

ރެޑް ބުލް އަތުގައި މިވަގުތު ވެސް ހަތަރު ގައުމެއްގެ ހަތަރު ކްލަބެއް އެބައޮތެވެ. އެއީ ޖަރުމަނު ލީގުގެ ލެއިޕްޒިގާއި އޮސްޓްރިއާ ސާލްސްބާގުގެ އިތުރުން އެމެރިކާ މޭޖާ ލީގުގެ ނިއުޔޯކް ރެޑް ބުލްސް އަދި ބްރެޒިލްގެ ރެޑް ބުލް ބްރަގަންޓީނޯއެވެ.

އޭގެ އިތުރުން ރެޑް ބުލްއިން ވަނީ ދާދި ފަހުން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ލީޑްގެ ހިއްސާއެއްވެސް ގަނެފައެވެ.

ކުރިން ޑޯޓްމުންޑާއެކު ޖަރުމަނު ލީގުގައި ތާރީހީ ދުވަސްތަކެއް ހޭދަކުރި ކްލޮޕް، ޑޯޓްމުންޑްގެ ވާދަވެރި ރެޑް ބުލްއަށް އެހީތެރިވެދޭން ދިއުމުން ޑޯޓްމުންޑް ސަޕޯޓަރުން ދަނީ އެކަމާ އަޑުއުފުލަމުންނެވެ.

ލެއިޕްޒިގަކީ ޖަރުމަނުގައި އެންމެ ނަފުރަތު ބޮޑު އެއް ކްލަބަށްވީ އިރު، 2017 ވަނަ އަހަރު ކްލޮޕް ޑޯޓްމުންޑް ކޯޗުކަމުގައި ހުއްޓާ ހިނގި ހަމަނުޖެހުންތަކެއްގައި ޑޯޓްމުންޑްގެ 28 ސަޕޯޓަރަކު ހައްޔަރުވެސް ކުރަން ޖެހިފައިވެއެވެ.

"އެހެން މީހެއްގެ ފަޔަށް އަރައި ތަދުކޮށްލާކަން އަހަރެން ބޭނުމެއް ނޫން. އަސްލު ފުޓުބޯޅަ ނިންމުމެއް ނިންމާއިރު އެކަމަށް އެހެން މީހުން ރިއެކްޓް ކުރާނީ ކިހިނެއްތޯ ނުވެސް ބެލޭނެ. އަހަރެން ކްލަބުތައް ދެކެ އިންތިހާއަށް ލޯބިވޭ. އެހެންވިޔަސް، އެއްވެސް ކަމެއް ނުކޮށެއް ނުހުރެވޭނެ. އަދި ހަވާލުވަނީ ފުޓުބޯޅަ ރޯލާ އެކަނި. އެހެންވީމަ މީހުން ކިޔާ އެއްވެސް އެއްޗަކަށް ބަލައިގެން މީހުން ހިތްހަމައެއް ނުޖެއްސޭނެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އުމުރުން 57 އަހަރު ވެފައި ހުރުމުން ދެން ކޯޗިންނަށް ނުނުކެމެ ވޭތޯ ބަލާނެ ކަމަށާއި، ކޯޗުކަމުން ދުރުވެ ހުއްޓާ ރެޑް ބުލްއިން ހުށަހެޅި ހުށަހެޅުން ގަބޫލުކުރީ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ލިވަޕޫލާ ހަވާލުވެ، ކްލޮޕު ވަނީ ލީގު ތަށްޓާއި ޔޫރޮޕާ ލީގު، ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ. ކްލޮޕަކީ ލިވަޕޫލް އާއެކު އެ ޝަރަފު ހޯދާފައިވާ ހަމައެކަނި ކޯޗެވެ.

އޭގެ ކުރިން ޑޯޓްމުންޑާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ކްލޮޕް ދިޔައެވެ. އަދި ޖަރުމަނު ލީގުވެސް އެ ކްލަބަށް ނަގައިދިނެވެ.