ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި މަސްވެރީންނަށް ފައިސާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންނެވި ވައުދުފުޅު، އެ މަނިކުފާނު ފުއްދަވައިދެއްވާނެ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މަސް ކިރާތާ 48 ގަޑިއުތެރޭގައި ފައިސާ ދޭނެކަމަށް މި ސަރުކާރުން ވައުދުވީ، މަހުގެ އަގު 25 ރުފިޔާއިން 20 ރުފާއަށް ކުޑަ ކުރުމުގެ ބަހަނާއެއްގެ ގޮތުންތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ވިދާޅުވީ، މަހުގެ އަގު ކުޑަކޮށް އެތައް މަހެއް ފާއިތުވެ ދިޔައިރުވެސް 48 ގަޑިއިރުގެ ތެރޭގައި ފައިސާދޭން ފަށާފައި ނުވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ވައުދަކީ ފިލައިގެންދާނެ ވައުދެއްނޫން ކަމަަށާއި، އެއީ ރައީސް މުއިއްޒު ފުއްދަވާނެ ވައުދެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 17 ރުފިޔާއަށް ހުރި މަސް ކިލޯއެއް، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން 25 ރުފިޔާއަށް ބޮޑުކުރީ، ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ، އެއްވެސް ދިރާސާއަކަށް ބެލުމެއްނެތި ކަމަށެވެ.

މިހާރުގެ ސަރުކާރު އައިއިރު 250 މިލިއަން ރުފިޔާ މަސްވެރީންނަށް ނުދެއްކި އޮތް ކަމަށާއި، އެ ފައިސާ ދައްކަމުންގޮސް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަހުގެ އަގަށް ބަދަލު ގެންނަން ޖެހޭނީ ދުނިޔޭގެ އަގަށް ބަލައިގެން ކަމަށާއި، އެހެންނޫންނަމަ އެކަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަގު ކުޑަނުކޮށްފިނަމަ ތިބެން ޖެހޭނީ ރައްޔިތުން ދައްކާ ޓެކްސްފައިސާ މިފްކޯއަށް ހަރަދުކޮށްކޮށް ކަމަށްވެސް ވިދާޅުވިއެވެ.