ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަޖަބް އައްޔިބު އުރްދުގާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް، އުރްދުގާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ ރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއް ކަމަށެވެ. ރާއްޖެ އާއި ތުރުކީވިލާތުގެ 45 އަހަރުވީ ހާރިޖީ ގުޅުމުގެ މައްޗަށް ވެސް ރައީސް ވަނީ އެ މެސެޖުގައި އަލިއަޅުއްވައިފައެވެ.

އަދި ވަނީ ޖޯގްރަފީ ގޮތުން ދެ ގައުމުގެ ދެމެދުގައިވާ ދުރުމިން ކިތަންމެ ދުރުކަމުގައިވިޔަސް، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މައިދާންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ފުރާފުރިހަމަވަމުން ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ އުރްދުގާނަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވެރިކަމަށް އިންތިހާބުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ތުރުކީވިލާތެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ވަނީ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށް ފްރީ ޓްރޭޑް އެއްބަސްވުމެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަމުގެ ތައްޔާރީތައް ފަށައިފައެވެ.

މީގެ އިތުރުން އެމްއެންޑީއެފަށް ބޭނުންވާ ޑްރޯންތަކެއް ވެސް ވަނީ ތުރުކީވިލާތުން ގަނެފައެވެ.