އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އައްޔަންކުރުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ލިބެންޖެހޭ ބާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭސީސީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުން މިހާރު އޮންނަނީ އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިންނެވެ.
އެގޮތް ބަދަލުކޮށް އޭސީސީގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން އޭސީސީގެ ގާނޫނު ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެކަމަކީ އަލަށްކުރާ ކަމެއް ނޫން ކަމަށެވެ.
"މިއީ އަލަށްކުރާ ކަމެއް ނޫން، މީގެކުރީ ސަރުކާރުން ވަނީ ސިވިލް ސާވިސްގެ ރައީސް އައްޔަންކުރުމުގެ މަރުހަލާ މިބިލްގައިވާ ބީދައިން ހިނގާގޮތަށް ބަދަލުކޮށްފައި، އެއީ 27،000 މުވައްޒިފުންގެ ކަންތައް ބަަލަހައްޓާ ތަނެއް. އެތަނުގެ ރައީސް އެއީ ޖޭއެސްސީގެ މެންބަރުކަންވެސް ލިބޭ ބޭފުޅެއް،"
އެހެންކަމުން އޭސީސީގެ ރައީސްގެ މަގާމު އައްޔަން ކުރުމުގެ ބާރު މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް ދޭން ބަދަލު ކުރުމަކީ ފާޑު ކިޔޭނެ ކަމެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އޭސީސީގެ މެންބަރުން ހިހޫތަނުން ކައިލައިގެން ތިބެން ޖާގަދީގެން ހުންނަ ރައީސަކު ލައިގެން، އޭސީސީ ހިންގާތަން ބަލަން ބޭނުންނުވާ ކަމަށެވެ. ރައްޔިތުން ޕީއެންސީއަށް ސުޕަމެޖޯރިޓީ ދިނީ ރާއްޖެ އިސްލާހުކޮށް، ކޮރަޕްޝަން މައްސަލަތައް ހުއްޓުވައި އެކަންކަން އިސްލާހު ކުރުމަށް ކަމަށެވެ.
ނަމަވެސް ނާޒިމް ވިދާޅުވީ، އެގޮތަށް ކަންކަން އިސްލާހުވަމުންދާތަން ނުފެންނަ ކަމަށެވެ.
"ސުމަގްލް ކުރުމާއި އަނެއްކަމެއް ކުރުމާއި، ނުހައްގުން މީހުންތައް މުއްސަދިވެގެން ގޮސް މީހުންގެ ބިންބިމާއި އިމާރާތްތަކަން ދަންދެން ގަނެގެން ގޮސް ކަންތައްވާ އިރުގައި ހަމަ މިއޮތީ. އެފްއޭއެމްގެ ރައީސްވެސް ދެ އެޕާޓްމަންޓް ގަނެގެން ޖެހިގެން ހުރި ދެ އެޕާޓްމަންޓް ގުޅާލައިގެން އެތައް ކަމެއް ކުރި އިރުގައި މިއޮތީ ކަންތައް ގޮސްފައި އޮތް ގޮތް. އެފްއޭއެމްގެ ރައީސަވެސް ގެއިން ނެރެންޖެހޭ ހިސާބަށް ދިއުމުން،" ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު