މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ އއ. މާޅޮސް، ބަނަފުސާގެ، ހައްވާ ތައުލީމާ (41އ) އެވެ.

އޭނާ ހޯދަމުންދަނީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭންގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް އަންގައި ޗިޓް ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގެ ތަހުގީގަށް ހައްވާ ތައުލީމާ ހާޒިރުވާން ޖެހޭނީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުން ބުންޏެވެ.