އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު، އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލްގައި ބަޔާންކޮށްފައިވަނީ، މި އިސްލާހު ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުން ކަމަށެވެ.

ގާނޫނުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނައިބު ރައީސަކު އައްޔަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ކޮމިޝަންގެ ރައީސް، މަގާމުން އިސްތިއުފާދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމުން، އެ މީހަކު މަގާމުން ވަކިވީ ކަމަށެވެ. ނަމަވެސް ނައިބު ރައީސްކަމުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ކޮމިޝަންގެ ރައީސަށް ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީގެ ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެ ކަމަށެވެ.

ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.

އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުން ނުދާ ކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ ބޭފުޅުން މަގާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ.

ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ، ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަން ކުރަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.