ބްރެޒިލްގައި ފުޓުބޯޅަ މެޗެއް ބަލަން ދިޔަ ސަޕޯޓަރުންތަކެއް ހިންގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެއެވެ.

ބްރެޒިލްގެ ސައުޕޯލޯގައި އޮތް ފުޓުބޯޅަ މެޗެއް ފެށުމުގެ ކުރިން ސަޕޯޓަރުން މެދުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި އެކަކު މަރުވެފައިވާ އިރު، 12 މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ސައުޕޯލޯގެ ސެކިއުރިޓީ އޮފިޝަލުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ދެ ޓީމުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ފަށާފައިވަނީ މެޗު ބެލުމަށް ސަޕޯޓަރުންތައް ބަހުގައި ދަނޑަށް ޖަމާވި ވަގުތު ކަމަށެވެ.

އެ ހަމަނުޖެހުންތަކުގައި ސަޕޯޓަރުން ދަތުރުކުރި ދެބަހެއް ރޯކޮށްލާފައިވާ އިރު، އެތަނުން އެއްބަހުގައި ތާށިވީ މީހާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 30 އަހަރުގެ މީހެއް ކަމަށާއި އޭނާއާ ބެހޭ އިތުރު މައުލޫމާތު ފުލުހުން ހޯދަމުން އަންނަ ކަމަށެވެ.