ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް ކުންފުނިތަކުގެ ރިކަރަންޓް ހަރަދުތަކަށް ސަރުކާރުން ފައިސާ ދޭން ނުޖެހޭނެ އިންތިޒާމެއް ރާވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސަރުކާރު ކުންފުނިތައް ހަރުދަނާކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެންނެެވެ.

ޒަމީރު ވިދާޅުވީ، ކުންފުނިތައް ސަރުކާރަށް ބަރޯސާނުވެ ހިންގޭނޭ ގޮތެއް ހޯދުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ކުރާނޭ ކަމެއް ކަމަށެވެ.

އެންމެ ބޮޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ލަފާފުޅަކީ ކުންފުނިތަކުގެ ރިކަރަންޓް ހަރަދަށް ސަރުކާރުން ފައިސާ ދިނުން ހުއްޓާލައި، ކެޕިޓަލް ހަރަދަށް އެކަނި ފައިސާދޭން ޖެހޭގޮތެއް ރޭވުން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް އަވަހަށް އެކަންކަމަށް ޓާކެޓުތަކެއް ކަނޑައަޅުއްވާނެ ކަމަށާއި، އެ ޓާގެޓުތަކަށް ކުންުފުނިތަކުގެ މެނޭޖްމަންޓުތަކުން ވާސިލުވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުން ފައިސާ ދީގެން ކުންފުނި ހިންގަންޏާ، އެތަން އެ ހިންގަނީ ސަރުކާރުގެ ޑިޕާޓްމަންޓެއް ގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.