ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑު، ބެލޮންޑިއޯ 2024 ގެ ހާއްސަ ހަފުލާ މިރޭ އޮންނާނެއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ލެޖެންޑަރީ މޫނުތަކުގެ އިތުރުން އެންމެ ޝަރަފުވެރި، އެންމެ ހުނަރުވެރި މޫނުތައްވެސް މިރޭ ޕެރިހުގައި އޮންނަ ހައިބަތު ބޮޑު އިވެންޓުގައި ފެނިގެންދާނެއެވެ. ބެލޮންޑިއޯ ހަފުލާގައި އެންމެ ހާއްސަވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ހޮވިގެން ދާތީއެވެ. ބެލޮންޑިއޯގެ ޒަމާންވީ ތާރީހާއެކު އެ އެވޯޑުގެ ހައްގުވެރިޔަކީ ދުނިޔެ ގަބޫލުކުރާ އެންމެ މޮޅު ކުޅުންތެރިޔާއަށް ގިނަ ފަހަރު ވެގެން ދެއެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ. އެހެންނަމަވެސް އަދިވެސް ބެލޮންޑިއޯގެ ހައިބަތަށް ބަދަލެއް ނާންނަކަމަށް ތަޖުރިބާކާރުންގެ ނަޒަރުގައި ބުނެވިދާނެއެވެ. މިވަގުތުވެސް ފީފާގެ އެވޯޑަށްވުރެ މަގުބޫލީ ބެލޮންޑިއޯއެވެ.
ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ނޫސްވެރިން ހޮވާ އެވޯޑެއްގެ ގޮތުގައި ބެލޮންޑިއޯ އޮތް އިރު، 2007 ވަނަ އަހަރުގެ ކުރިން ބެލޮންޑިއޯއަކީ ހަމައެކަނި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވާ އެވޯޑެކެވެ. އެހެންނަމަވެސް އެ އަހަރަށްފަހު ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވާދަކުރާ އެވޯޑަކަށް ބެލޮންޑިއޯ ބަދަލުކުރިއެވެ.
މިހާރު ބެލޮންޑިއޯގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާ ރޭންކިން އެންމެ ވަރުގަދަ 100 ގައުމުގެ ނޫސްވެރިން ވޯޓު ދޭނެއެވެ. އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނީ އަންހެން ރޭންކިންގެ އެންމެ މަތީގައި އޮންނަ 50 ގައުމުގެ ނޫސްވެރިން ވޯޓު ދީގެންނެވެ.
ބެލޮންޑިއޯއަށް ވާދަކުރާ 30 ފިރިހެން ކުޅުންތެރިންގެ އިތުރުން އަންހެން ކުޅުންތެރިންގެ ލިސްޓްވެސް ސެޕްޓެމްބަރު މަހު އިއުލާނުކޮށްފައިވާ އިރު، މިދިޔަ އަހަރު ރެކޯޑު އަށްވަނަ ފަހަރަށް އެވޯޑު ހޯދި ލިއޮނަލް މެސީ އާއި މިހާތަނަށް ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ހިމެނިފައެއް ނުވެއެވެ. މިއީ 2003 ވަނަ އަހަރު ފަހުން، އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު ނެތި ބެލޮންޑިއޯ ލިސްޓް އިއުލާނު ކުރި ފުރަތަމަ ފަހަރެވެ. އުމުރުން 37 އަހަރުގެ މެސީ މިހާރު އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅެމުންދާ އިރު، އުމުރުން 39 އަހަރުގެ ރޮނާލްޑޯ ކުޅެމުން ދަނީ ސައުދީ އަރަބިއާގެ އަލް ނަސްރަށެވެ.
މީގެ ކުރިން ބެލޮންޑިއޯ ހާސިލުކޮށްފައިވާ ކުޅުންތެރިންގެ ތެރެއިން ރިޓަޔާނުވެ ކުޅުމުންދާ އިތުރު ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗްގެ އިތުރުން ސައުދީގެ އަލް އިއްތިހާދަށް ކުޅެމުންދާ ކަރިމް ބެންޒެމާއެވެ. އެ ކުޅުންތެރިންވެސް މިފަހަރު ނޮމިނޭޓް ވެފައެއް ނުވެއެވެ.
އެހެންކަމުން މިއީ މުޅިން އާ ކުޅުންތެރިޔަކަށް ފިރިހެން ބެލޮންޑިއޯ ލިބޭނެ ފަހަރެކެވެ. މިދިޔަ އަހަރުތަކުގައި ބެލޮންޑިއޯގެ ވާދަވެރިކަން މެސީއާއި ރޮނާލްޑޯގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުންވެސް ނިމި، އެ ޖީލުގެ ކުޅުންތެރިންގެ އަތުގައި އޮތް ވާދަވެރިކަންވެސް ގެއްލިގެން ހިނގައްޖެއެވެ. މުޅިން އާ ޖީލެއްގެ ކުޅުންތެރިންނަށް ބެލޮންޑިއޯ ލިބެން ފަށާނެކަމުގެ އިޝާރާތެއް މިރޭ ފެނިގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި މިއީ ވާދަވެރިކަމެއްގެ ފެށުން ކަމަށްވެސް ބެލެވިދާނެއެވެ.
އަންހެން ބެލޮންޑިއޯއަށް މިފަހަރުވެސް މާ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. އެއީ މިފަހަރުވެސް އެވޯޑު ލިބުން އެންމެ ގާތީ ސްޕެއިންނާއެކު ވޯލްޑް ކަޕް ހޯދި، ބާސެލޯނާގެ ތަރި އައިޓާނާ ބޮންމަޓީއަށެވެ. އޭނާއަކީ މިދިޔަ އަހަރުވެސް ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއެވެ.
ބެލޮންޑިއޯގެ އާ ޖީލަކަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ އިރު، ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް އެންމެ ގާތުން ވާދަކުރާނެ ކަމަށް އެންމެން އިއްތިފާގު ވަނީ މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީގެ އިތުރުން އެޓީމުގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް އަދި ރެއާލް މެޑްރިޑްގެ ދެ ތަރިން ކަމަށްވާ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަދި ޖޫޑް ބެލިންހަމްއެވެ.
ސިޓީން މިދިޔަ ސީޒަނުގެ ލީގު ނެގުމުގައި ހާލަންޑާއި ރޮޑްރީގެ ދައުރު ބޮޑެވެ. އޭގެ އިތުރުން ރޮޑްރީ ސްޕެއިނާއެކު ޔޫރޯ ނަގައި، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ ހޯދިއެވެ. އަނެއްކޮޅުން ރެއާލުން ވަނީ ލަ ލީގާއާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. ބެލިންހަމް އިންގްލެންޑާއެކު ޔޫރޯ ފައިނަލަށް ދިޔަ އިރު، ވިނީޝިއަސްއަކީ ގިނަ ބައެއްގެ ނަޒަރުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި، އެންމެ ބޭނުންތެރި ކުޅުންތެރިޔާއެވެ. ހާއްސަކޮށް ރެއާލުން ނެގި ޗެމްޕިއަންސް ލީގުގެ ފަހަތުގައި ވަނީ އޭނާގެ ޖާދުލެވެ.
"ރޮޑްރީއަށް ދޭންވީ ކީއްވެ؟ އަހަންނަށްވެސް އެނގޭ ރޮޑްރީއަށް ވަރަށް ކާމިޔާބު ސީޒަނެއްކަން މި ނިމުނީ. އަދި ސިޓީގެ ތަފާތަކީވެސް އޭނާކަން. އެހެންވިޔަސް ސްޕެއިންގެ ތަފާތަކީ އޭނާއެއް ނޫން. އޭނާ ކުޅުނީ މޮޅު ޓީމަކަށް. އެހެންވެ ޔޫރޯގައި ވިދާލީ. އޭގެ ބަދަލުގައި ވިނީޝިއަސްއަކީ ރެއާލަށް މިދިޔަ ސީޒަނުގައި ހުރިހާވެސް ތަފާތެއް ދެއްކި ކުޅުންތެރިޔާ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި. ވިނީޝިއަސްއަކީ ރެއާލް ބަލިވުމާއި މޮޅުވުމާ ދޭތެރޭ ހުރި ފަރަގު،" ޔޫރަޕްގެ ފުޓުބޯޅަ ޖާނަލިސްޓް މީނާ ޒޫކީ ބުންޏެވެ.
ޒޫކީގެ ނަޒަރުގައި މެސީއަށް މިދިޔަ އަހަރު ދިން ބެލޮންޑިއޯ ހައްގީ ރޮޑްރީއަށް ނަމަވެސް، މިފަަހަރު ރޮޑްރީއަށް އެވޯޑު ހައްގެއް ނޫނެވެ.
ފްރާންސްގެ މަގުބޫލު ފުޓުބޯޅަ ނޫސްވެރިޔާ ޖޫލިއެން ލައުރެންސްގެ ނަޒަރުގައި އެގައުމުގެ ތަރި ކިލިއަން އެމްބާޕޭއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ނަމަވެސް، ބެލޮންޑިއޯ ހައްގުވަނީ ރޮޑްރީއަށެވެ. އޭނާގެ ނަޒަރުގައި އެޓޭކުން ރޮޑްރީ ނުފެންނަ ނަމަވެސް، މިދިޔަ ދެ ސީޒަނުގައިވެސް ރޮޑްރީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ހާއްސަކޮށް އޭނާ ވަނީ ރޮޑްރީގެ ސްމާޓް ކުޅުމަށް ތައުރީފުކޮށްފައެވެ.
ބެލްޖިއަމްގެ ފުޓުބޯޅަ ތަޖުރިބާކާރު ކްރިސްޓޮފް ޓެރެއާގެ ނަޒަރުގައި މިއީ އާ ޖީލެއްގެ ފެށުމެވެ. އެގޮތުން މިފަހަރު އެވޯޑަށް ވާދަކުރަނީ މާ ތަފާތު ބޮޑެތި ކުޅުންތެރިންތަކެއް ނޫނެވެ. އެހެންކަމުން އެންމެ ބޮޑަށް އެވޯޑު ހައްގީ ވިނީޝިއަސްއަށް ކަމަށް އޭނާ ބުނެއެވެ.
ސްޕެއިންގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ގުއިލެމް ބަލާއުގެ ނަޒަރުގައިވެސް ރޮޑްރީއަކީ މިފަހަރު ބެލޮންޑިއޯ ލިބެން ޖެހޭ ކުޅުންތެރިޔާއެވެ.
"ރޮޑްރީ ކުޅޭ މަގާމަކީ އެހާ ބޮޑަށް ފާހަގަވާނެ މަގާމެއް ނޫން. އެހެންނަމަވެސް އެއީ ޓީމަށް އެންމެ މުހިއްމު މަގާމު. ޔޫރޯ ފައިނަލުގައި ރޮޑްރީއަށް އަނިޔާވުމުން ހުރިހާ ތަޖުރިބާކާރުންނާއި ކުޅުންތެރިންވެސް ބުނަމުން ދިޔައީ އޭނާ ނެތްތަން ފޫބައްދާނެ ގޮތެއް ނޯންނާނެ ވާހަކަ. އެއީ ރޮޑްރީގެ މުހިއްމުކަން އެނގޭ ވަރު. އެއީ މުޅި މެޗު ކޮންޓްރޯލު ކުރާ ކުޅުންތެރިޔަކީ. މިއީ "އަންސަންގް ހީރޯ"އަކަށް ބެލޮންޑިއޯ ދީފައި، އެ އެވޯޑު އިންސާރުވެރި ކުރަން ޖެހޭ ވަގުތު،" ބަލާއު ބުންޏެވެ.
ބެލޮންޑިއޯއަށް އޮތް ވާދަވެރިކަން ކުރިއަށްވުރެ ބޮޑެވެ. ވަކި މިވެނި ކުޅުންތެރިޔަކަށް ލިބޭނެއޭ ބުނަންވެސް އޮތީ އުނދަގޫ ހާލަތެކެވެ. ގިނަ ނޫސްވެރިންގެ ނަޒަރުގައި ބެލޮންޑިއޯގެ ޝަރަފަކީ އެންމެ މަގުބޫލު ކުޅުންތެރިޔާއަށް ލިބޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވާން ޖެހެއެވެ. އެހެންނަމަވެސް އެކަން ފެންނާނެތޯ އެއީ އުފެދޭ ސުވާލެކެވެ. އިންތިޒާރުކުރަމާ ހިނގާށެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު