ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ ސަމީރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސަމީރު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ އޭނާ ޕީޖީ އޮފީހުގައި ޑެޕިއުޓީ ޕީޖީގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަސް ކަމަށެވެ. ޕީޖީ އޮފީހުގައި އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި ކުރިއަށް ހުރި މަސައްކަތާ މެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.
ނަމަވެސް ކުރިއަށްއޮތީ ކޮން މަސައްކަތެއް ކަމާއި އޭނާ ޑެޕިއުޓީ ޕީޖީގެ މަގާމުން އިސްތިއުފާދެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ.
ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމީރު ވަނީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަންކުރީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމުގެ ދައުރުގައެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރުކަމުން އޭނާ އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.
ސަމީރަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގައި ޝަރީއާ ދާއިރާއިން ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. އެފަހުން ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓިން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު